މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފި އެވެ.

އެ ގަޑިތަކުގައި މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

އެ އެންގުން ބާތިލް ކުރީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އެންގި އެންގުމެއްގަ އެވެ.

ވަކި ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާ ކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ޓެކްސީ ޑުރައިވަރުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީސް ދޮށަށް އެއްވެ އަޑުއުފުލާފަ އެވެ.

ޓެކްސީ ޑްރައިވަރުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް ވެސް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

މާލެ ސަރަހައްދުގައި ވަކިގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާކުރީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ. ނަމަވެސް އެ ފިޔަވަޅު އެޅުމުން ވެސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ދަށްވެފައެއް ނުވެ އެވެ.