25 Mar 2021, 08:28
ކުޑަ ފިރިހެން ކުއްޖަކު އަންހެން ސުޕަހީރޯ ނަރުހެއް ގޮވައިގެން ކުޅެން އިންނަ މި ކުރެހުން މިވަނީ ދުނިޔޭގެ ރިކޯޑުތަކަށް އަރާފަ އެވެ. ކޮވިޑްގެ މި ހާލަތާއި ގުޅުވައިގެން ކުރަހާފައިވާ މި "ބޭންކްސީ" ތަސްވީރުން މިވަނީ 16 މިލިއަން ޕައުންޑް އަށްވުރެ ގިނަ ފައިސާ އިނގިރޭސިވިލާތުގެ ނެޝެނަލް ހެލްތު ސާވިސް ގެ ޗެރިޓީ އަކަށް ލިބިފަ އެވެ.
ނީލަމެއްގައި ވިއްކާލަފައިވާ މި ތަސްވީރު ކުރަހާފައިވަނީ ނަން ހާމަނުކުރާ ގްރެފިޓީ އާޓިސްޓެކެވެ. އިނގިރޭސިވިލާތުގައި ނެގި ކޮވިޑްގެ ފުރަތަމަ ރާޅާއި އެކު ސައުތު އެމްޕްޓަން ގެ ހޮސްޕިޓަލަކަށް މި ތަސްވީރު ހަދިޔާ ކުރެވުނެވެ. އެއް ފޫޓު އެއް ފޫޓުގެ މި ތަސްވީރު ނީލަމުގައި ވިކުނީ 14.4 މިލިއަން ޕައުންޑަށެވެ. އެއާއެކު ތަސްވީޜު ގަތް ފަރާތުން ވަނީ ޖުމްލަ 16.8 މިލިއަން ޕައުންޑް މި ތަސްވީރަށް ދައްކާފައެވެ
ބޭންކްސީ ބުނެފައިވާ ގޮތުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް އޭނާގެ ކުރެހުމެއް ވިކިފައިވަނީ 9.9 މިލިއަން ޕައުންޑަށެވެ. އެއީ އިނގިރޭސި ހައުސް އޮފް ކޮމަންސް ގައި ރާމާ މަކުނުތަކެއް ތިބޭ ކުރެހުމެކެވެ.

9.9 މިލިއަން ޕައުންޑަށް ވިކުުނު އެހެން ކުރެހުމެއް--
މެއި މަހުގައި ހޮސްޕިޓަލަށް މި ކުރެހުން ހަދިޔާ ކުރެވުުނު އިރު ކުޑަ ނޯޓެއް ވެސްވަނީ ފޮނުވާފައެވެ. މި ނޯޓުގައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ކޮށްދެއްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.
އޭރު މި ކުރެހުން ހަރުކޮށްފައިވަނީ ހޮސްޕިޓަލްގެ އެމެޖެންސީ ޑިޕާޓްމަންޓުގައެވެ. ހޮސްޕިޓަލުގެ ސްޓާފުން ބުނާގޮތުގައި އެތަނުގައި ކުރެހުން ބެހެއްޓުމުން މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
މި ކުރެހުމުގައި ފެންނަނީ ކުޑަ ފިރިހެން ކުއްޖަކު ކަކޫ ޖައްސައިގެން ކުޅެން އިންނަ މަންޒަރެވެ. އަދި އޭނާގެ ކައިރީގައި ބެހެޢްޓިފައިވާ ކުޑަ ވަށިގަނޑަކަށް ސްޕައިޑަމޭންއާޢި ބެޓްމޭން އުކާފައިވާއިރު ފިރިހެން ކުއްޖާ ކުޅެން އިންނަނީ ސުޕަހީރޯ ނަރުހެއް ހިފައިންނެވެ،
ގިނަ ބަޔަކު ސިފަކުރާގޮތުގައި މި ކުރެހުމުން ސިފަވަނީ 'އުންމީދެވެ'. އަދި ކޮވިޑްގައި ބުރަކޮށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހައްގު ޝުކުރެވެ. ކުރެހުމަށް ލިބުނު ފައިސާ އެއްކޮށްހެން ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޗެރިޓީއަށެވެ.