24 Mar 2021, 23:56
ޅ. ނައިފަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން، ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ، ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލަށް ރިފާ ކުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން، ކުޅުދުއްފުށީގައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ނައިފަރު ހޮސްޕިޓަލުގައި ބަލި މީހުންނާ ގާތުން މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވްވުމުން އެ ރަށްވެސް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ނައިފަރުން ޕޮޒިޓިވްވި އެ މީހާ އަކީ ރ. އުނގޫފާރަށް ދަތުރު ކުރި މީހެކެވެ. ރ. އުނގޫފާރުން ކޮވިޑް ކޭސްއެއް ފެނުމާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކޮށްފައިވާ މީހުން ރިޕޯޓުކުރުމަށް އެޗްޕީއޭއިން މީގެ ކުރިން އެދިފައިވެ އެވެ.
ނައިފަރު ކައިރީގައި އޮންނަ މަސް ފެކްޓްރީ ހިންގާ ފެލިވަރުންވެސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ނައިފަރުގައި ހުއްޓަ އެވެ. މިހާރު ފެލިވަރުވެެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.