24 Mar 2021, 23:58
ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް ކަމަށާއި، ބޭނުންހާ ވާހަކައް ނުދެއްކޭނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އިއްޔެ ވިދާޅުވެއްޖެ އެވެ.
ސައްލެ މިހެން ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ އޭރުގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ އިތުބާރު ދެމެހެއްޓުމަށް، ސިވިލް ސާވިސްގެ ވަޒީފާގައި ތިބި 26،000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މެމްބަރު ސައްލެ ވިދާޅުވީ އެ އިތުބާރު ގެއްލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ސިވިލް ސާވިސްގެ ތެރޭގައި ހުންނަންޖެހޭ ވެލިއުތައް ގާއިމުކޮށްދެވިފައި ނެތުން ކަމަށެވެ. އެގޮތުން މިދިޔަ 13 އަހަރުގެ ތެރޭގައި އެ ކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް މެމްބަރު ސައްލެ ވިދާޅުވި އެވެ.
"ސިވިލް ސާވިސްގައި ހުންނަ މީހަކީ، ވަކި މިންގަނޑުތަކަކަށް، ވަކި ހުދޫދުތަކަކަށް، ވަކި ޑިސިޕްލިނަކަށް އުޅޭ މީހެއް. ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ ވާހަކައެއް ނުދެއްކޭނެ. އޭނައަކީ ފޭސްލެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނައަކީ އަޑެއް ނެތް މީހެއް. އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ. އެއީ ޕްރޮފެޝަނަލް މީހެއް،" މެމްބަރު ސައްލެ ވިދާޅުވި އެވެ.
މެމްބަރު ސައްލެ ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ގާނޫނުއަސާސީ އިން އޭނައަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރިޔަސް މައްސަލައެއް ނެތް ކަމަށް އެ މުވައްޒަފަކު އިއުތިރާފުވާ ކަމަށެވެ.
ސިވިލް ސާވަންޓުންނަކީ އާންމު ރައްޔިތުންނަށް ނޭނގޭ، އޮފީހުގެ އިތުރު މައުލޫމާތުތައް އެނގޭ މީހެއް ކަމަށާއި ލިބިފައިވާ "ޕްރިވިލެޖް" އާއެކު އޭނާ އަމަލުކުރަންޖެހޭ މިންގަނޑު ތަކެއް ވެސް އެބަހުރި ކަމަށް މެމްބަރު ސައްލެ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ކިތައް ސިވިލް ސާވަންޓުންނަށްތޯ އޭނަ ހިދުމަތްކުރާ ޕްރޮފެޝަންގެ އަގު ހިފެހެއްޓެނީ؟ މިއަދު ހެނދުނު އިރު އެރިއިރު ވެސް އަޅުގަނޑަށް ލިބިފައި އެބަ އޮތް ސިވިލް ސާވަންޓަކު ފޭސްބުކްގައި ޕޯސްޓްކޮށްފައި އޮތް ލިޔުމެއް ވަކި ކެނޑިޑޭޓަކަށް ތާއީދުކޮށްފަ. ނުކުރެވޭނެ އިއްޒަތްތެރި ރައީސް،" މެމްބަރު ސައްލެ ވިދާޅުވި އެވެ.
މެމްބަރު ސައްލެ ވިދާޅުވީ އެކަހަލަ ކިތަންމެ ކަމެއް ތަކުރާރުކޮށް ހިނގަމުން ގޮސް، ސަރުކާރުތަކަށް އިތުބާރު ނުހިފޭ ހިދުމަތަކަށް ސިވިލް ސާވިސް ވެގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ދިވެހި ސިވިލް ސާވިސް އިސްލާހުވުމަށް،" މެމްބަރު ސައްލެ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ދިވެހި ސިވިލް ސާވިސްއަކީ ގައުމުގެ ތަރައްގީގެ ވަރަށް މުހިންމު ބައެއް ކަމަށާއި ސަރުކާރަކީ އިމާރާތެއް ކަމުގައި ވަނީނަމަ، ސިވިލް ސާވިސްއަކީ އެ އިމާރާތުގެ ތެރޭގައި ހުރި ދަގަނޑު ފްރޭމްތައް ކަމަށެވެ.
"އެ ފްރޭމްގެ ސަބަބުން އެ އިމާރާތް ހިފަހައްޓަނީ. އެ ފްރޭމް ބަލިވެ، ނިކަމެތިވެއްޖެ ނަމަ، އެ އިމާރާތް ބަލިކަށިވާނެ. އިމާރާތުގައި ރެނދު އަޅާނެ. އަޅުގަނޑުމެންގެ ގައުމު ދެން އޮތް ހިސާބަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ކުރަންވީ ކަމަކީ، ޕްރޮފެޝަނަލް ސިވިލް ސާވިސްއެއް ބިނާކުރުން. އެކަން ކުރުމަށްޓަކައި އެ މީހުންގެ ހުންނަންޖެހޭ އަހްލާގީ މިންގަނޑުތަކާއި، އެ މީހުންނަށް ދޭންޖެހޭ ތަމްރީނުތަކާއި، އެ މީހުން ސްކިލް ޑިވެލޮޕްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެ،" މެމްބަރު ސައްލެ ވިދާޅުވި އެވެ.
މެމްބަރު ސައްލެގެ ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.