05 Feb 2012, 15:45
އެސްޓަން ވިލާއާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް މިރޭ ކުޅޭ މެޗަކީ މުހިންމު މެޗެއް ކަމަށާއި އެމެޗުން މޮޅުވުމަށް ކުޅުންތެރިން ބުރަ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިއުކާސަލްގެ ކޯޗު އެލަން ޕާޑިއު ބުނެފި އެވެ.
ނިއުކާސަލް އިން ވަނީ މިސީޒަންގެ ކުރީ ކޮޅުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާ މުހިންމު ގިނަ މެޗުތަކެއް ވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ފަހަކަށް އައިސް ލިބެމުންދިޔަ ނާކާމިޔާބީތަކާއި ގުޅިގެން އެޓީމުވަނީ ޕްރެމިއާ ލީގުގެ ގަދަ ހަތަރަކުން ވެއްޓިފަ އެވެ.
"އެސްޓަން ވިލާ އާއި ދެކޮޅަށް ނުކުންނަ މެޗަކީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. މިމެޗު ކާމިޔާބު ކުރުމަށް ކުޅުންތެރިން ބުރަ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. މިޓީމަކީ ބަލި ޓީމެކޭ ބުނުމުގެ ފުރުސަތެއް އެއްވެސް ކުލަބަކަށް ނޯންނާނެ،" ނިއުކާސަލް ކޯޗް އެލަން ޕާޑިއު ބުންޏެވެ.
އެސްޓަން ވިލާ އާއި ދެކޮޅަށް ނިއުކާސަލް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 6:30 ގައެވެ. ލީގުގައި ނިއުކާސަލް މިވަގުތު ހަވަނާގައި އޮތްއިރު އެސްޓަން ވިލާ އޮތީ ތޭރަ ވަނާގަ އެވެ.