25 Mar 2021, 08:34
ސައިފް އަލީ ޚާން އާ "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް"ގެ ބަތަލާއަކަށް ކްރިތީ ސެނަން ހަމަޖައްސައިފިއެވެ.
ކުރިއަރަމުން އަންނަ ބަތަލާ ކްރިތީ އަށް މި ރޯލު ކުޅެން ލިބުމާއެކު ކްރިތީ ބުނީ މިއީ އާ ދަތުރެއް ކަމަށާއި މި ފިލްމުވެގެންދާނީ ވަރަށް ހާއްސަ ފިލްމަކަށް ކަމަށެވެ. ހާއްސަކޮށް މި ކާސްޓާއެކު ފިލްމެއް ކުޅެން ލިބުމުން މިއީ ވަރަށް ބޮޑު ނަސީބެއް ކަމަށްވެސް އޭނާ ބުންޏެވެ.
މި ފިލްމުގައި މި ތަރިންގެ އިތުރުން ސަނީ ސިންހް ވެސް ހަރަކާތްތެރިވެއެވެ. ފިލްމުގައި އޭނާ ކުޅޭނީ ލަކްޝްމަން ކިޔާ ކެރެކްޓާއެކެވެ. ޕްރަބާސް ރާމް ކެރެކްޓާ ކުޅޭއިރު ކްރިތީ ކުޅޭނީ ސިތާ ކެރެކްޓާއެވެ. އަދި ރާވަން ގެ ރޯލު ކުޅޭނީ ސައިފެވެ.
ސައިފް އާ ޕްރަބާސް މި ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު އަދިޕުރުޝް ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގަ އެވެ. މިއީ ކްރިތީ ވެސް މިދެތަރިންނާއެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.