24 Mar 2021, 15:32
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިމަތީގައި އޮއްވާ، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރީ އިންތިހާބަށް ނުފޫޒުފޯރުވަން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ކޮމިޝަނުން ރައްދު ދީފި އެވެ.
އިއްޔެ 10:00 ގައި މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފައިވަނީ ބްރިޖު ވިއުއިން ޕްލެޓްފޯމާ އެ ސަރަހައްދުގައި ހުންނަ ނިއުޕޯޓު އިމާރާތާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި އިންތިހާބުގައި އޭނާ އަށް ކާމިޔާބު ވިޔަ ނުދިނުމަކީ ސަރުކާރުގެ ނިޔަތަށް ވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކަތަކާ ގުޅިގެން އޭސީސީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރަނީ ދުރާލާ ޕްލޭން ކޮށްގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން، މައްސަލަތަކުގެ ތަހުގީގު ފަށާނެ ނުވަތަ ތަހުގީގު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަހުގީގު ކުރިއަށްގެންދާނެގޮތާއި ތަރުތީބު ކަނޑައަޅާނީ އެ ކޮމިޝަނުން ކަމަށާއި އޭސީސީން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި، ތަހުގީގުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މައުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދޭ މައުލޫމާތު ނޫންކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
"އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށްވާއިރު، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަހުގީގަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތެކެއް ކަމުގައި ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.
މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭ އިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިންތިހާބު އިއުލާނުކުރި ފަހުންވެސް މީގެކުރިން މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ނަމަވެސް، އޭރުގައިވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައެއް ނުވާނެ ކަމަށް ބަޔާނުގައި ވެއެވެ.
އެހެންކަމުން، ޑރ. މުއިއްޒު ކޮމިޝަނަށް ހާޒިރުކުރުމަކީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފަށް ދައްކާ ވާހަކަތަކެއް ކަމަށް އޭސީސީން ބުންޏެވެ.
ހަމައެއާއެކު އެއީ ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި އެކަމާމެދު ކޮމިޝަނުން ކަންބޮޑުވާކަމަށް އޭސީސީން ބުންޏެވެ.
އޭގެއިތުރުން، ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި ސޯޝަލް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަކަރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"ނަމަވެސް، އެފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި، ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދެމިތިބ ނެކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.