05 Feb 2012, 15:04
ރޭ ބޭއްވި ގައުމީ ސާލާމަތުގެ ކޮމެޓީގެ ބައްދަލުވުން އިދިކޮޅު ފަރާތްތަކުން ހުއްޓުވާފައިވާތީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަކަށް މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ކޮމެޓީ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ވަހީދު ހުރަސްއެޅުވުމުން ކޮމެޓީ ނިންމާލައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ކޮމެޓީތައް ހުއްޓުވާ މައްސަލައަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ދައްކަވަމުން ގެންދެވި ވާހަކަތައް ހުއްޓާނުލުމުން ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ކޮމެޓީ ނިންމަވާލައްވާފަ އެވެ. ކޮމެޓީ ނިންމަވާލެއްވި ކަން ނަޝީދު އިއުލާން ކުރުމާއެކު، އަލީ ވަހީދު ވަނީ އެމަނިކުފާނުގެ ކޮމެޓީގެ މުގައްރިރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. ނަމަވެސް ނަޝީދު ރައްދެއް ނުދެއްވަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލިއިރު، މިއަދުގެ ކޮމެޓީއަށް ތިން މުއައްސަސާއެއް ހާޒިރު ކުރުވުމަށް ނިންމާފައިވެ އެވެ. އެއީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. އެ މުއައްސަސާތައް ދެން ކޮމެޓީއަށް ހާޒިރު ކުރާނެ ވަކި ދުވަހެއް މަޖިލީހުގެ އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އެޗްއާރްސީއެމް ހާޒިރު ކުރި ބައްދަލުވުން ހުއްޓާލަން ޖެހުނީ ކޮމެޓީ ލައިވް ކުރަމުންދިޔަ އެމްއެންބީސީގެ ކޭބަލެއް ބުރިކޮށްލި މައްސަލައެއްގަ އެވެ. އަދި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުން ވެސް ހުއްޓާޖެހުނީ ކޮމެޓީ ކުރިއަށް ގެންދިއުމަށް އަލީ ވަހީދު ހުރަސްއެޅުއްވުމުންނެވެ.