ޓެލްއަވީވް (މާޗް 24) : އިސްރާއީލުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބު އެއްވެސް ޕާޓީއަކަށް ކާމިޔާބު ނުކުރެވުނުކަން ވަގުތީ ނަތީޖާއިން ހާމަވެއްޖެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީއާއި އެޕާޓޯއާ އިދިކޮޅު ޕާޓީތަކަށް ވެސް ގޮޑިތައް ލިބިފައި ވަނީ ދާދި އެއްވަރަކަށެވެ. ލިކުޑް ޕާޓީ އަށް 30 ގޮނޑި ލިބިފައިވާ އިރު އިދިކޮޅު ތިން ޕާޓީއަކަށް 28 ގޮނޑި ލިބިފައިވެ އެވެ.

ނަމަވެސް ލިކުޑް ޕާޓީ އާއި އެޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް 61 ގޮނޑި އަދި އިދިކޮޅު ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް 59 ގޮނޑި ލިބޭކަން ވަގުތީ ނަތީޖާ އިން ވަނީ ހާމަވެފަ އެވެ. މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ނަތަންޔާހޫގެ ލިކުޑް ޕާޓީ ކަމަށް ވިޔަސް 30 ގޮނޑި ކާމިޔާބު ކުރުމަކީ ސަރުކާރެއް އެކުލާލުމަށް ބޭނުންވާ ގޮނޑިއަށްވުރެ 30 ގޮނޑި މަދު މިންވަރެކެވެ.

އިސްރާއީލުގެ ޕާލަމެންޓްގައި 120 ގޮނޑި ހިމެނޭ އިރު އަޣުލަބިއްޔަތުގެ ގޮތުގައި ބަލަނީ 61 ގޮނޑިއެވެ. ލިކުޑް ޕާޓީ އަށް ލިބުނު 30 ގޮނޑި އަކީ މިއަދަދާ ކައިރިވެސްކުރާ އަދަދެއް ނޫނެވެ.

މިއީ ދެ އަހަރުދުވަހުގެ ތެރޭގައި އިސްރާއީލުގައި ބާއްވާ ހަތަރު ވަނަ އިންތިޚާބެވެ. ކުރީގެ ތިން އިންތިޚާބު ވެސް ނިމުނީ އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބިއެވެ. ކޮންމެފަހަރަކު ވެސް އަލުން އިންތިޚާބު ބާއްވަންޖެހެނީ އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބުމާއެކު ކޯލިޝަން ހަދައިގެން ސަރުކާރު ހިންގަން ދަތިވެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅިގެންދާތީ އެވެ.

އެންމެފަހުން އެކުލަވާލި ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި އޭނާގެ ބައިވެރިއަކަށް ހުރި ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް މިފަހަރު ލިބުނީ އަށް ގޮނޑި އެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން ނަތަންޔާހޫގެ ހަރުކަށި ފިކުރު ގެންގުޅޭ ކަނާތު ފިޔައިގެ ކޯލިޝަނަށް އޭނާގެ ލިކުޑްޕާޓީއާ އެކު 60 ގޮނޑި ލިބޭނެ އެވެ. މިއީ ސަރުކާރެއް އެކުވަލާލުމުގެ ފުރުސަތު އަނެއްކާވެސް ނަތަންޔާހޫއަށް ލިބިގެންދާނެ ކަމެކެވެ.

ނަމަވެސް އިތުރު ކުޑަ ޕާޓީއަކާނުލައި ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަން އަށް ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނުލިބޭނެއެވެ. އަޣްލަބިއްޔަތު ނެތި އޭނާ އެކުލަވާލާ ސަރުކާރަށް ޕާލަމެންޓްގެ ރުހުމެއް ނުލިބޭނެ އެވެ.

ނަތަންޔާހޫއަކީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކުރެވި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އޭނާގެ މައްސަލަ ބަލަމުންދާ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. ނަތަންޔާހޫގެ ކޮރަޕްޝަނުގެ ބައެއް މައްސަލަތައް މިހާރު ކޯޓުގައި ކުރިޔަށްވެސް އެބަދެ އެވެ. ނަތަންޔާހޫގެ ވެރިކަމަށް 25 އަހަރުވެފައިވާ އިރު އޭނާ ވެރިކަމުގައި ފައިވިއްދާފައި ހުންނަވަނީ ނުފޫޒު ފޯރުވައިގެންނާއި ސިޔާސީ ޑީލްތައް ހަދައިގެން ކޮރަޕްޝަނުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފަ އެވެ.

ފަލަސްތީނުގެ ބިންތައް ގަދަބާރުން އިސްތިއުމާރުކޮށް އެބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލަކީ ޑިމޮކްރަސީގެ ޓެގު އަޅުވައިގެން އުޅޭ ގައުމެކެވެ. ނަމަވެސް ފަލަސްތީނުގެ ބިންތައް ގަދަބާރުން އިސްތިއުމާރުކޮށް އުޅޭ އުޅުމާއި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިސްރާއީލުން އަރައިގަނެގެން އުޅޭ އުޅުމާއި އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކަކީ ޑިމޮކްރަސީއާ މުޅިން ޚިލާފު ކަންކަމެވެ.

އަނެއްކޮޅުން ސިޔާސީ ޑީލްތައް ހަދައިގެން ކޮރަޕްޝަނުން ސަލާމަތްވުމަށް ނަތަންޔާހޫ ކުރައްވާ މަސައްކަތްތަކަކީ ވެސް ޑިމޮކްރަސީގެ ރޫހާ މުޅިން ޚިލާފު ކަންކަމެވެ. އިސްރާއީލުގެ ސިޔާސީ ދާއިރާއިން ނަތަންޔާހޫ ނޫން ބޭފުޅަކު އަދި ޚާއްސަކޮށް ޒުވާނަކު ނުފެނުމަކީ އިސްރާއީލުގެ ޑިމޮކްރަސީގެ ހަގީގަތާމެދު ސުވާލު އުފެދޭކަމެއްކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަތަންޔާހޫ އަކީ އިންތިޚާބީ އުސޫލުން ވެރިކަމަށް އަންނަ ޑިކްޓޭޓަރެއް ކަމަށް އިސްރާއީލުގެ އެތެރޭގައި ވެސް ދަނީ ސިފަކުރެވެމުންނެވެ. އިންތިޚާބަކަށް ފަހު އިންތިޚާބެއް ބާއްވަން ޖެހުމާއި ފުލުފުލުގައި ވޯޓުލާންޖެހުމާއި ސިޔާސީ ޑީލްތައް ހަދައިގެން ކޮރަޕްޝަނުން ސަލާމަތްވުމަށް ނަތަންޔާހޫ ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އިސްރާއީލުގެ ގިނަ ބަޔަކު އެގައުމުގެ ސިޔާސީ ލީޑަރުންނާ އަދި ވެރިކަމުގެ ނިޒާމުގެ މަތިން ފޫހިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.