24 Mar 2021, 12:45
ރާއްޖޭގައި ކުރާ ވިސާ ކާޑު ޓްރާންސެކްޝަންތައް ސެޓްލްކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށް އެމްއެމްއޭއިން ނިންމި ނިންމުމަށް އަންނަ އޭޕްރީލް 15ގައި އަމަލުކުރަން ފަށަން ނިންމައިފި އެވެ.
އެ ބަދަލާއެކު ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިންނެވެ. އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާ އެވެ.
އެމްއެމްއޭއިން ބުނީ އެ ބަދަލާއެކު ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކްތަކުން ޔޫއެސް ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަ ވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަން ތަކަށް، ކާޑު ދޫކުރާ ބޭންކުން ޕޭމަންޓް ބަލައިގަތުމުގެ ހިދުމަތް ދޭ ފަރާތަށް ކަސްޓަމަރުން ހަދާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމު ހަމަޖެހުނީ މިދިޔަ އަހަރުގެ ތެރޭގައި ވިސާއިން ރާއްޖޭގައި 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފުކުރުމުންނެވެ.
އޭގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ ޔޫއެސް ޑޮލަރުންނެވެ.
ރާއްޖޭގެ ބައެއް މާޗަންޓުން މުދަލާއި ހިދުމަތުގެ އަގު ޑޮލަރުން ބަލައިގަންނަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ. މީގެ ސަބަބުން ކާޑު ދޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް ބަލައިގަންނަ ފަރާތަށް ސެޓްލްމަންޓް ހެދުމަށްޓަކައި ޑޮލަރަށް ބަރޯސާވާން ޖެހެ އެވެ.
'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް'ގެ ހިދުމަތް ރާއްޖޭގައި އަދި ތައާރަފްކޮށްފައިވަނީ ހަމައެކަނި ވިސާއިން ކަމުން، މި ނިންމުން މި ވަގުތު ހިނގާނީ ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަންޏެވެ.