ޗެލްސީގެ ކޯޗް އަންދުރޭ ވިޔަސް ބޮއަސްގެ ޓީމު ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ބޮޑު ކާމިޔާބީ އެއް ހޯދައިދިނުމަށް ފަހު ޖޫން މަހު ޗެލްސީ އާއި ހަވާލުވި ކޯޗަށް ފަހަކަށް އައިސް އެކުލަބަށް އެދެވޭ ކާމިޔާބީއެއް ހޯދައިދެވިފައެއްނުވެ އެވެ. އެ ޓީމު މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ހަތަރު ވަނައިގަ އެވެ.

"ވިޔަސް ބޮއަސް އަކީ މޮޅު ކޯޗެއް. އެހެންކަމުން މިހާރު ޗެލްސީ ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ނަމަވެސް މިރޭގެ މެޗުން އެޓީމުގެ މައްޗަށް ކާމިޔާބު ލިބޭތޯ ވަރަށް މަސައްކަތް ކުރާނަން. ވިޔަސް ބޮއަސްގެ ރޭވުންތައް ރޫޅާލުމަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވާނެ،" ރޫނީ ބުންޏެވެ.

ކޯޗް ވިޔަސް ބޮއަސް ޕޯޗުގަލްގެ ޕޯޓޯއާއި ހަވާލުވި ހަމައެކަނި ސީޒަންގައި އެކަނިވެސް ވަނީ އެ ޓީމަށް ތިން ޓްރޮފީ ކާމިޔާބު ކޮށްދީފަ އެވެ. އަދި ޕޯޓޯއަށް މޮރީނިއޯ ހަދައިދިން ރެކޯޑްތައް ވެސް ވިޔަސް ބޮއަސްވަނީ ބިންދާލައި ރެކޯޑްތައް އާކޮށްފަ އެވެ. މިރޭ 9:00 ގައި މެންޔުނައިޓެޑް އާއި ދެކޮޅަށް ޗެލްސީ ނުކުންނައިރު، މިމެޗަކީ އެދެޓީމަށް ވެސް މުހިންމު މެޗެކެވެ.