24 Mar 2021, 12:31
ކޮވިޑް19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޓެކްސީތަކުގެ ހިދުމަތްދޭ ގަޑި އިތުރުކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެވެން ނެތް ކަމަށް ނިންމައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެޅި ފިޔަވަޅުތަކުގެ ތެރެއިން މި މަހުގެ 21 ވަނަ ދުވަހު، މާލޭގައި ހިންގާ ކެފޭ ރެސްޓޯރަންޓުތައް ރޭގަނޑު 10:30 ވަންދެން ހުޅުވައިގެން ހިދުމަތް ދެވޭ ގޮތަށް ލުއި ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް މާލޭގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް އެފަދަ ލުޔެއް ލިބިފައި ނުވާ ކަމަށެވެ.
މިހާރު އޮތް އުސޫލުގެ ދަށުން ޓެކްސީ ކުރެވެނީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކަން މެމްބަރު ފާހަގަކުރެއްވި އެވެ. މެމްބަރު ވިދާޅުވީ މިއީ އެތައް ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ވާއިރު، ހަވީރު ހަޔަކުން ފެށިގެން ޓެކްސީ ޕާކުކޮށްފައި ގެއަށް ވަންނަން ޖެހުމުން ޑްރައިވަރުންނާއި އެމީހުންގެ އާއިލާތަކަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބެމުން އަންނަ ކަމަށެވެ.
ރެސްޓޯރަންޓުތައް ހުޅުވައިގެން ހިދުމަތް ދެވޭ ވަގުތު އިތުރުކޮށްދީފައި ވާއިރު، ޓެކްސީތަކަށް އެފަދަ ލުޔެއް ނުލިބުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް މެމްބަރު ވިދާޅުވި އެވެ.
އެހެންކަމުން، މިހާރު ދެމުން އަންނަ ލުއިތަކުގެ ތެރެއިން ޓެކްސީތަކުގެ ހިދުމަތްދޭ ގަޑި އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުު ހުށަހެޅުއްވި މައްސަލަ، ކުއްލި މައްސަލައަކަށް ނުފެތޭ ކަމަށެެވެ. އެހެންކަމުން މައްސަލައެއްގެ ގޮތުގައި އަލުން ހުށަހެޅުއްވުމަށް ރިޔާސަތުން އެދިވަޑައިގަތެވެ.
"މީ މައްސަލައެއްގެ ގޮތުގައި އިއްޒަތްތެރި މެމްބަރު ހުށަހަޅުއްވައިދެއްވުމަށް ވަރަށް ބޮޑަށް އެދެން. ކުއްލިކަން އިދާރާއިންނާއި އަޅުގަނޑުމެން މި ބަލާ ބެލުމުގައި މުޅިން އެގޮތަށް ނުފެތޭތީ، މައްސަލައެއްގެ ގޮތުގައި ހުށަހަޅައިދެއްވުން ވަރަށް ބޮޑަށް އެދެން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި މައުޟޫއުގައި ކުއްލި މައްސަލައެއް މީގެކުރިން ވެސް ނެގިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައެއްގެ ގޮތުގައި އަލުން ހުށަހަޅުއްވައިފި ނަމަ، ހޯމަ ދުވަހު މައްސަލައިގެ ބަހުސް ހިންގޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.