ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރުއެމްގެެ ބޭފުޅަކަށް ހައުސިން މިނިސްޓަރުކަން ދެވުމަކީ "ދަންތުރައެއް"އެއްގެ ގޮތުގައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފި އެވެ.

ކައުންސިލް އިންތިހާބު ކެމްޕެއިންނަށް އެމްޑީޕީ މާފަންނު ޖަގަހަ ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާފަންނަކީ މުޅި ދުނިޔޭގައިވެސް އަކަ މީޓަރެއްގައި އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ސަރައްހަދު ކަމަށެވެ. ޒަމާންވީ އެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ހޯދައި ދިނުމަކީ އެމްޑީޕީ އުފެދުމުގެ ހަގީގީ އަސާސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންނަށާއި މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޮދޮރުވެރިކަން ހޯދައިނުމުގެ މަސަކަތަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އުފެދިގެން އައި ހަގީގީ އަސާސް. މި ޕާޓީގެ ސިޔާސީ ހުރިހާ ލީޑަރުންވެސް ހަދާނެއް ނުނެތޭނެ، މި މާލޭގައި މީހުން ދިރިއުޅެމުން އަންނަ އުދަނގޫ ގޮތް،" ރައީސް ނަޝިދު ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށްފަހު، ސަރުކާރަށް ދެ އަހަރު ފުރުނު އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި އޮތް ސަބަބަކީ އެމްއާރުއެމްގެ ސަބަބަުން ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ.

އެމަނިކުފާ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އެމްއާރުއެމްއަށް ނިސްބަތްވި މިނިސްޓަރެއް ކަމަށެވެ. އަދި އެ "ދަންތުރަ"އިން ސަލާމަތްވާން ދުވަސްކޮޅެއް ނެގި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިދިޔައީ އެމްއާރުއެމްގެ ބޭފުޅަކު، ރައީސް މައުމޫންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ. އެމްޑީޕީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ތަސައްވުރެއް އަދި ހިނގާންޖެހޭ އިޖުރާއަތްތަކެއް މާކުރީގައި ވެސް ބަޔާންކުރި، މާ ސާފުކޮށް ކިޔާދިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނެގި އެ ދަންތުރަ އިން އަރައިގަތުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހައުސިން މިނިސްޓަރަކަށް އެ ހުންނެވީ އެމްޑީޕީގެ ހައުސިން މިނިސްޓަރެއް،"

ރައީސް ނަޝިދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް ސޯލިހުގެވެސް ތަސައްވަރެއް އެބަ އޮތް ކަމަށެވެ. އަދި އެ މައްސަލައަށް ހައްލު ހޯއްދަވާނެ ކަމަަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރު ކުރެއްވި އެވެ.

ހަތަރު ޕާޓީ އިއްތިހާދުވެ، ވެރިކަމަށް އައުމަށްފަހު ހައުސިން މިނިސްޓަރުކަމަށް ވަޑައިގެންވީ ރައީސް މައުމޫން ރައީސްކަންކުރައްވާ އެމްއާރުއެމްގެ މަރިޔަމް އާތިފާ އެވެ. އެމްޑީޕީ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިިދިޔަ އަހަރު ޖޫން މަހު ކުއްލި ގޮތަކަށް އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްކަމަށް ވިދާޅުވެ އެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއެކު، އެ މަގާމަށް އެމްއާރުއެމްގެ ބޭފުޅެއް އައްޔަން ކުރުމަށް ނަން ފޮނުވުމަށްވެސް އެ ޕާޓީން އޭރު ތައްޔާރުވި އެވެ. އެހެން ނަމަވެސް އާތިފާ އިސްތިއުފާ ދިނުމާއެކު ޖެހިގެން އައި ދުވަހު ސަރުކާރުން ވަނީ އެ މިނިސްޓަރީ އުވާލައި، އަސްލަމް މިނިސްޓްރުކަން ކުރައްވާ ޕްލޭނިން މިނިސްޓްރީ ދަށަށް މަސައްކަތްތައް ބަދަލުކޮށްފަ އެވެ.