ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނާއި މެލޭޝިޔާގެ ނެކްސްބިޒާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އޭސީސީން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރަށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަކައަކީ އެ ކޯޓުގައި ކުރިއަށް ގެންދެވެން ނެތް މައްސަލައެއް ކަމަށް ބުނެ މައްސަލަ މިއަދު ކޯޓުން ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ބޭރު ކުރި ސަބަބެއް ކަމުގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ގާޒީ އަލީ ނަސީރު ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މީގެ ކުރިން އޭސީސީން ހުށަހެޅި މައްސަލައާއި އެއް މައުޟޫއެއްގައި ހުށަހެޅި ކުރިއަށްދާ މައްސަލައެއް ކަމަށެވެ.

މީގެ ކުރިން އޭސީސީން ހުށަހެޅި މައްސަލައިގައި ކުރި ހުކުމް ދެމިއޮތުމާ އެކު މިގަޒިއްޔާގައި ދައުވާކުރާ ފަރާތުން އެދިފައިވާ ކަމަކީ މި މައްސަލައިގައި އޭސީސީން ކުރިން ހުށަހެޅި މައްސަލައިގެ ގަޒިއްޔާގައި ޝަރީއަތުން ގޮތެއް ކަނޑައަޅާފައިވާ ކަމަކަށް ވާތީ އެ ގަޒިއްޔާގެ ހުކުމް ދެމިއޮއްވައި އެގަޒިއްޔާގެ ހުކުމްގައި ގޮތެއް ކަނޑައެޅި ނިމިފައިވާ ނުކުތާއެއް އިތުރަށް ބެލުމަކީ އިސްތިއުނާފީ މަރުހަލާގެ ކޯޓުގެ ކަމަކަށް ވާތީ މިހާރު ހުށަހެޅިފައިވާ ގޮތަށް އެ ދައުވާ އިތުރަށް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެން އެކަން އޮތް އިރު އޭސީސީން އެ މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން މި މައްސަލަ ބަލައިގަނެ އޭސީސީގެ ފަރާތުން އެ މައްސަލައިގެ ދައުވާ ސިވިލް ކޯޓުގައި ހުށަހަޅައި ދައުވާ އަށް ޖަވާބުދާރީވުމަށް ބަންޑާރަނައިބްގެ އޮފީހަށް ފުރުސަތުދީ އެ މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުންތައް ބާއްވާނެ ދުވަސްތައް ތާވަލުކޮށް، އޭސީސީން ހުށަހެޅި ވަގުތީ އަމުރު ކޯޓުގައި ހުށަހެޅުމަށް ކޯޓުގައި ފުރުސަތުދީ ބަންޑާރަ ނައިބްގެ އޮފީހުގެ ފަރާތުން ވަގުތީ އަމުރަށް ޖަވާބުދީފައިވެ އެވެ.

އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުން އޮތް ދުވަހު ނެކްސްބިޒުގެ ފަރާތުން މައްސަލައިގެ ތެރެއަށް ތަދައްހުލްވެ އެ މައްސަލައަކީ އެ މައުޟޫގައި ކޯޓުގައި ކުރިން ބެލިފައިވާ މައްސަލައެއް ކަމަށް ވާތީ އެ މައްސަލަ އިތުރަށް ސިވިލް ކޯޓުގައި ނުހިންގޭނެ ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ހުށަހެޅި ދުވަހު އޭސީސީގެ ފަރާތުން ދައުވާ ހުށަހަޅަމުން ބުނެފައި ވަނީ ބޯޑާކޮންޓްރޯލް މައްސަލައާ ގުޅޭ ގޮތުން ކުރިން އޭސީސީން ހުށަހެޅި މައްސަލައިގެ ހުކުމްކޮށްފައިވާ އިރު އެ މައްސަލައިގެ ޝަރީއަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 10 ވަނަ ނަންބަރުގައި އެއްބަސްވުމާ ބެހޭ ގޮތުން އެ މައްސަލައިގައި އޭސީސީން ދައްކާފައިވާ ވާހަކަތަކަކީ ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީން ހުށަހަޅައިފި ނަމަ ބެލިދާނެ މައްސަލައެއް ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އޭސީސީގެ ނާއިބް ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށާއި އެ މައްސަލައިގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ހައިކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.