ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދާއެކު، ބައެއް މެމްބަރުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގެންފި އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ މެމްބަރަކު ކެމްޕޭނަށް، އެ މެމްބަރެއްގެ ދާއިރާއަށް ވަޑައިގަންނަވަން ބޭނުންނަމަ، މަޖިލީހުގައި އެކަމަށް އެދިއްޖެނަމަ އެމަނިކުފާނު އެކަމަށް ފަހިކޮށްދެއްވާނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރަކު ކެމްޕޭނަށްޓަކައި އެ މެންބަރުގެ ދާއިރާއަށް ވަޑައިގަންނަވަންވެއްޖެނަމަ، އެކަމަށް މި މަޖިލީހުގައި އެދިވަޑައިގެންފިނަމަ، އަޅުގަނޑަށް ވީ މިންވަރަކުން އިރާދަކުރެއްވިއްޔާ އެ މެންބަރަކު، އެ މެންބަރެއްގެ ދާއިރާއަކަށް ފޮނުވައިދޭނަން. އެކަމުގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދޭ. އެކަން މި މަޖިލީހުން އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ދުވަހުގެ ހާޒިރީ އިއުލާނުކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ މިއަދު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 27 މެމްބަރުން ކަމަށެވެ. އަދި ސަލާމުގައި ހަތް މެމްބަރުން ތިއްބެވި ކަމަށެވެ.

ސަލާމުގައި ތިއްބެވި ހަތް މެމްބަރުންގެ ތެރޭގައި ފުވައްމަލަކު ސިޓީގެ ތިން މެމްބަރުން ހިމެނެ އެވެ. މަޖިލިސް ރައީސް ވިދާޅުވީ ފުވައްމުލަކުގެ ތިން މެމްބަރުންވެސް ސަލާމް ވިދާޅުވެފައި ވަނީ ކެމްޕޭނަށް ދާއިރާއަށް ވަޑައިގަތުމަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވުމަށް އެމަނިކުފާނު އިރުޝާދު ދެއްވި ކަމަށް ވިދާޅުވި އެވެ.

"ފުވައްމުލަކުގެ ތިން އިއްޒަތްތެރި މެމްބަރުން ވަޑައިގެންވީ އެބޭފުޅުންގެ ދާއިރާގައި ކެމްޕޭނުގައި. އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން އޭގަ އެންމެ ރީތި ރަނގަޅު ގޮތަކީ އެއް ދުވަހުގެ ސަލާމެއް ވިދާޅުވެފައި ވަޑައިގެން، ފަހުން އެނބުރި ވަޑައިގަތުމޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން ގޮވާލައި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އިއްޔެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

މައްސަލައަށް ބަހުސްކުރައްވަމުން އެމްޑީޕީ މެމްބަރުން ވަނީ މިއަދުގެ ހާލަތަށް ހޭނިގެން އިދިކޮޅު މެމްބަރުން ކެމްޕޭނުކުރަން ދަސްކުރަން ގޮވާލައިފަ އެވެ.