05 Feb 2012, 13:32
އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްޖާ ޖެޓް ފިއުލް ލޯކަލް އެއާލައިންތަކަށް ހެޔޮކޮށް، އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކާ އަގު ބޮޑުކޮށްފި އެވެ.
މާލޭ އެއާޕޯޓް ހިންގާ ޖީއެމްއާރުގެ ޗީފް ކޮމާޝަލް އޮފިސަރު ޕްރަދާސް ގޮޕާލަން ސޮއި ކުރައްވައި ޖެނުއަރީ 29ގެ ތާރީހުގައި ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ފްލައިޓްތަކަށް ޖެޓް އޭވަން ފިއުލް ލިޓަރެއް ވިއްކާނީ 1.15 ޑޮލަރަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓްތަކަށް 1.18 ޑޮލަރަށް ކަމަށެވެ.
މިއީ ކުރިން ޖެޓް ފިއުލް ވިއްކި އަގަގަށް ވުރެ ޑޮމެސްޓިކް އެއާލައިންތަކަށް ފަސް ސެންޓް އަގު ހެޔޮ އަދި ބައިނަލްއަގުވާމީ ފްލައިޓްތަކަށް ފަސް ސެންޓް ބޮޑު އަގެކެވެ.
ޖެނުއަރީ މަހު އެ ކުންފުނިން ބައިނަލްއަގުވާމީ އެއާލައިންތަކަށް ޖެޓް އޭވަން ފިއުލް ލިޓަރެއް ވިއްކީ 1.13 ޑޮލަރަށެވެ. އަދި އެތެރޭގެ އެއާލައިންތަކަށް 1.20 ޑޮލަރަށެވެ.
ބައިނަލްއަގުވާމީ އެއާލައިންތަކަށް ވިއްކާ ޖެޓް ފިއުލް ޖީއެމްއާރު މި ބޮޑު ކުރީ، އެއާޕޯޓް ހިންގަން އިންޑިޔާގެ ކުންފުނިން ހަވާލުވި ފަހުން ގްރައުންޑް ހޭންޑްލިންގެ އަގު 51 ޕަސެންޓް، އަދި އެނޫން ދާއިރާތަކުގެ އަގު ވެސް ބޮޑުކޮށްފައިވާ ކަމަށް ބުނެ، ރާއްޖެ އަށް އޮޕަރޭޓް ކުރާ އެއާލައިންތަކުން ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުދީފައި ވަނިކޮށެވެ.
ޖެޓް ފިއުލްގެ އަގު ބޮޑު ކުރީ ކީއްވެން ކަމެއް ޖީއެމްއާރުން އަދި ވަނީ ސާފު ކުރެވޭ ގޮތް ނުވެފަ އެވެ.