19:00


މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިނުކޮށް ތިބި ބިދޭސީންނަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވޯކް ވިސާ ނުދޭ ގޮތަށް ނިންމުމަށް ފަހު އެކަން އިމިގްރޭޝަނުން ފަސްކޮށްފި އެވެ.


ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ ބިދޭސީން އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރުން ފަސްކުރީ އިންޝުއަރެންސްއާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެ ބިލަށް މަޖިލީހުން ވާގޮތެއް ބެލުމަށްފަހު އެކަން ދެން ކުރިޔަށް ގެންދާނީ އަންނަ އަހަރު ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.


އިލްޔާސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބިދޭސީން އިންޝިއުރެންސް ކުރާ ކަމަށާއި އަދި މިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއްގެ މަސްއޫލުވެރި ފަރާތަކީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަމަށް ގާނޫނުގައި ބުނާއިރު ކޮންމެ ބިދޭސީ އަކުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.


އިމިގްރޭޝަން ޑިޕާޓްމަންޓުން މި އަހަރުގެ ކުރީކޮޅު ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް މިމަހުގެ އެކަކުން ފެށިގެން ވާކް ވިސާ ދޫކުރާނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާ މީހުންނަށް ކަމަށެވެ. އެގޮތުން އެ ދުވަހުން ފެށިގެން ވާކް ވިސާ އެޕްލިކޭޝަން ފޯމުގައި މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާކަން އެނގޭނެ ތައްގަނޑު ނުޖަހާ ހުށަހަޅާ ފޯމްތައް ބަލައި ނުގަންނާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.