ރ. މަޑުއްވަރީއާއި ކ. ހުރާ އަދި ގއ. ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ސޮބީހާ މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ ރ. އުނގޫފާރަށް ގޮސް އެނބުރި އައިސް ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ.

"މައުލޫމާތު ލިބެނީ އެންމެ މީހެއް ކަމަށް ޕޮޒިޓިވްވީ. ދެންމެ މައުލޫމާތު ލިބެނީ. ކަރަންޓީންގައި އެބަތިބި ބައިވަރު މީހުން. މާޗު މަހުގައި ބަންދު ހަފުތާއެއް އައިމަ ތަންކޮޅެއް ގިނަ މީހުން ދަތުރުކުރި،" ސޮބީހާ ވިދާޅުވި އެވެ.

ކ. ހުރާ މޮނީޓަރިން ހާލަތަށް ގެނައީ ރޭގެ ވަގުތެއްގަ އެވެ. އެ ރަށު ކައުންސިލްގެ ރައީސް އީސާ އަހްމަދު ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ ބަލިވެގެން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ.

"ޓެސްޓު ހެދިއިރު އޭނާ ޕޮޒިޓިވްވީ. ވަރަށް ގިނަ މީހުންނާ ކޮންޓެކްޓްވެފައި ހުރީ. ބައެއް މީހުން އެބަތިބި ކަރަންޓީންގައި. އެމީހާގެ އާއިލާ އެންމެންވެސް ކަރަންޓީންގައި ތިބީ. ރެންޑަމް ސާމްޕަލްވެސް ނަގަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

އެ ކޭސްއާ ގުޅިގެން 14 މީހުން ތިބީ ކަރަންޓީންގަ އެވެ. އަދި އެމީހުންގެ ސާމްޕަލް ރޭގެ ވަގުތެއްގައި ވަނީ ނަގާފަ އެވެ. އަދި 120 މީހުންގެ ސާމްޕަލް ރެންޑަމްކޮށް ވަނީ ނަގާފަ އެވެ.

ގއ. ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށް ޚާއްސ ހުއްދައިގެ ދަށުން ދިޔަ ވެމްކޯގެ މުވައްޒަފަކު ޕޮޒިޓިވްވުމުންނެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވީ ޕޮޒިޓިވްވީ ވެކްމޯގެ މުވައްޒަފާ ކޮންޓެކްޓްވެފައި ވަނީ އެރަށުގެ ދެ މީހަކު ކަމަށެވެ. އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އުނގޫފާރު ކްލަސްޓާއާ ގުޅިގެން މަޑުއްވަރީގެ އިތުރުން ކ. ދިއްފުށްޓާއި ޅ. ނައިފަރު ވެސް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

އެ ރަށްތަކާއެކު މި ވަގުތު މޮނީޓަރިން ހާލަތުގައި ހުރި ރަށްތަކަކީ ނ. ޅޮހި، ދ. މީދޫ، އދ. ފެންފުށި، އއ. ތޮއްޑޫ އަދި ފ. ނިލަންދޫގެ އިތުރުން ދ. ކުޑަހުވަދޫ އެވެ.