23 Mar 2021, 18:31
ރ. އުނގޫފާރަށް ޑޮކްޓަރަށް ދައްކަން ދިޔަ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ކ. ދިއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުބައްސިރު "ސަން" އަށް ވިދާޅުވީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ އެއް އާއިލާއެއްގެ ދެ މީހަކު ކަމަށެވެ.
އެމީހުން ކޮވިޑަށް ޓެސްޓްކުރީ އުނގޫފާރަށް ދިޔަ އެރަށު އެންމެން ޓެސްޓް ކުރިއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
"އުނގޫފާރަށް ދިޔަ މިރަށުގެ 31 މީހަކު ވަނީ ކަރަންޓީނުކޮށްފައި. އެ އެންމެންގެ ސާމްޕަލް ނަގައި ޓެސްޓް ކުރި. އޭގެތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފައި،" މުބައްސިރު ވިދާޅުވި އެވެ.
ދިއްފުށިން ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް މި މަހުގެ ތިން ވަނަ ދުވަހު އުނގޫފާރަށް ޑޮކްޓަރަށް ދައްކަން ދިޔަ ދެ މީހެކެވެ.
"ބޭސްފަރުވާއަށް މި ރަށު މީހުން ދަތުރުކުރަނީ އުނގޫފާރަށް. ޕޮޒިޓިވްވީ އުނގޫފާރަށް ދަތުރުކޮށްފައި އައި ފަރާތްތަކެއް. ތިރީސް ވަރަކަށް މީހުންގެ ތެރެއިން ދެ މީހުން ޕޮޒިޓިވްވީ. އުނގާފާރަށް ދަތުރުކުރި މީހުން ހޯމް ކަރަންޓީން ވާން އެޗްޕީއޭއިން އެންގި ހިސާބުން މި ފަރާތްތައްވެސް ގޭގައި މަޑުކޮށްގެން ތިބީ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވި ދެ މީހުންނަކީވެސް އެއް އާއިލާއެއްގެ ދެމީހުން ކަމަށެވެ. އެއީ އަންހެނަކާއި ކުޑަކުއްޖެކެވެ. އަދި ޓެސްޓު ނެގުމުގެ ކުރިން ބަލީގެ އެއްވެސް އަލާމާތެއް އެ މީހާއާއި ކުއްޖާގެ ފަރާތުން ވެސް ނުފެންނަ ކަމަށާއި ޓެސްޓު ނެގީ ހޯމް ކަރަންޓީން ފުރިހަމަކޮށް، ގެއިން ނުކުތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިއްފުށިން ކޮވިޑްގެ ޕޮޒިޓިވް ދެ ކޭސް ފެނުމާއެކު މިއަދު ހެނދުުނުން ފަށައިގެން އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖެއިން މިހާތަނަށް 22،662 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިވަގުތު 2،447 މީހުން ތިބިއިރު، އެ ބަލީގައި ރާއްޖެއިން 66 މީހުން ވަނީ މަރުވެފަ އެވެ.