ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭ ގޮތް ހަދައިދިނުމަށް އެދި މަޖިލީހުގެ އާންމު ކޮމިޓީއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުވަން ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުގެ އާންމު ކޮމިޓީގައި ކުރިއަށް ގެންދިޔަ މައްސަލައަކީ ކޮވިޑް 19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެމްބަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ މައްސަލަ އެކެވެ.

އެމައްސަލައާ ގުޅިގެން މިއަދު ކޮމިޓީއިން ނިންމާފައި ވަނީ މެމްބަރުންނަކީ ދާއިރާގެ ކަންކަމުގަ އާއި މަޖިލީހުގެ ކަންކަމުގައި ވެސް ކޮންމެ ވަގުތެއްގައި ވެސް ބޭރުގައި އުޅެން ޖެހޭ ބަޔަކަށް ވާތީ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައެއްގެ ފަހުން ވެހިކަލް ނުދުއްވުމާއި 11:00ގެ ފަހުން ބޭރުގައި ނޫޅެވޭ ގޮތަށް އޮތް އޮތުމުން މަޖިލިސް މެމްބަރުން އިސްތިސްނާކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވުމަށެވެ.

އެގޮތަށް ސިޓީ ފޮނުވަން ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ކޮވިޑް ހަލުވިކަމާ އެކު ފެތުރެމުން ދާތީ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓު 10:30ގައި ބަންދު ކުރުމާއި ހައެއްގެ ފަހުން ވެހިކަލް ނުދުއްވުމާއި 11ގެ ފަހުން ހުއްދަނެތި މަގުމަތީގައި ނޫޅުން ހިމެނެ އެވެ. ނަމަވެސް އެ ފިޔަވަޅުތަކާއެކު ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށެއް ނުވެ އެވެ.