ޅ. ނައިފަރުން ކޮވިޑް19 ގެ ކޭސްއެއް ފެނިއްޖެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ނައިފަރުން ކޮވިޑް ކޭސްއެއް ފެނިފައިވާ ކަމަށާއި ޕޮޒިޓިވް ވެފައިވަނީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ.

ރ. އުނގޫފާރުން ކޮވިޑް ކޭސްއެއް ފެނުމާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކޮށްފައިވާ މީހުން ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ. ޅ އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވެފައިވަނީ އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން ނެގުނު ރެންޑަމް ސާމްޕަލްގެ ތެރެއިން މީހެެއް ކަމަށެވެ.

ނައިފަރުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ހޮސްޕިޓަލު އޮތީ މިހާރު ބަންދުކޮށްފައި ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 20 މީހަކު ދެނެގަނެވިފައިވާ ކަމަށާއި، އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން 60 ފަރާތެއް މިހާރު ކަރަންޓީނުގައި އެބަތިބި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ޕޮޒިޓިވް ވެފައިވަނީ ހޮސްޕިޓަލުގައި ބަލިމީހުންނާ ގާތުން މަސައްކަތް ކުރާ މުވައްޒަފެކެވެ.

ނައިފަރު މޮނީޓަރިން އަށް ލައި، އެރަށު ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި ލިޔުމުގައި ބުނީ މިއަދު 15:00 އިން ފެށިގެން އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށް ރަށް މޮނީޓަރިން އަށް ލާފަައިވާ ކަމަށެވެ.

އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިންް ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާ އެޗްޕީއޭގެ ހުއްދަނެތި ރަށަށް އެރުން މަނާވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ނައިފަރުން ކޮވިޑު ކޭސް އެއް ފެނި ރަށް މޮނީޓަރިން އަށް ލާފައިވާއިރު ވއެރަށު ސްކޫލުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފައެވެ.

ނައިފަރު މަދުރަސަތުލް އިފްތިތާހުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެންގި އެންގުމުގައި ބުނީ ރަށުގެ މޮނީޓަރިންގެ ހާލަތު އުވާލަންދެން ނުވަތަ އިތުރު އެންގުމެއް އަންގަންދެން ސްކޫލުގެ ކިޔެވުން އަދި ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތެއްވެސް ނޯންނާނެ ކަމަށެވެ.