ޅަފަތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ދެނެގަނެ އެކުދިންނަށް ދޭން ޖެހޭ ހާއްސަ އެހީ އާއި ފަރުވާދޭނެ ސެންޓަރެއް މިއަންނަ މަހުގެ ތެރޭގައި ގާއިމުކޮށް ހިދުމަތް ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ފޯ ސްޕެޝަލް އެޑިއުކޭޝަން އަހްމަދު އާތިފް ވިދާޅުވީ އެ ސެންޓަރަކީ ޅަފަތުން ފެށިގެން ކުއްޖާ ޕްރީ ސްކޫލަށް ދިއުމުގެ ކުރިން ދޭން ޖެހޭ ހުރިހާ އެހީއެއް ވެދެވޭނެ ސެންޓަރެއް ކަމަށާއި އެ ސެންޓަރަށް މިހާރު ގާބިލް ޓީޗަރުން ވެސް ލިބިފައިވާ ކަމަށެވެ.

"ކުރިން ކުއްޖާ ގްރޭޑް އެކަކަށް ދިއުމަށް ފަހު އެކުއްޖާ އަށް ހާއްސަ އެހީ ދެވެން މިފަށަނީ. އެކަމަކު މި ސެންޓަރު ގާއިމް ކުރުމުން އެ ކުއްޖާ ވިހެއުމުން ފެށިގެން ކުއްޖާ ޕްރީ ސުކޫލަށް ދަންދެން ހާއްސަ ތައުލީމް ދެވޭނެ. އަދި އެ ސެންޓަރަށް ބޭނުންވާ ޓީޗަރުން ކޮޅެއް އިމާދުއްދީން ސްކޫލުން ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ސެންޓަރު ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ އިމާދުއްދީން ސްކޫލުގައި ކަމަށާއި އެކަމަށް ޓަކައި ބޭނުންވާ މަޝްވަރާތައް މިހާރު އިމާދުއްދީން ސުކޫލާއި ސެންޓަރާ ދެމެދު ކުރެވެމުން އަންނަ ކަމަށެވެ.
އަދި މި އަހަރު ތެރޭގައި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަށް ބޭނުންވާނެ 'ބްރައިލް' ތައާރަފް ކުރުމުގެ ޕްރޮޖެކްޓެއް ވެސް ކުރިއަށްދާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާގެ އެހީ ޔުނިސެފުންނާއި ވަތަނިއްޔާ އިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީޑީސީ އިން ބުނި ގޮތުގައި ޅަފަތުގައި ހާއްސަ އެހީއަށް ބޭނުންވާނެ ކުދިންނަށް ހާއްސަ ތައުލީމް ދިނުމަށް އައްޑޫ ސިޓީގައި ވެސް ސެންޓަރެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ 300 އަށް ވުރެ ގިނަ ކުދިން ރާއްޖޭގެ 19 ސްކޫލެއްގައި މިހާރު ވެސް ކިޔަވަމުން ދެ އެވެ.