ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް، ރޯދަ މަހު ލުއި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފިޔަވަޅުތަކާ ގުޅިގެން ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މައިމޫނާ ވިދާޅުވީ ވެކްސިން ކަވަރޭޖް ވަރުގަދަކުރެވިއްޖެ ނަމަ، ރޯދަ މަހު ފިޔަވަޅުތަކަށް ލުއިދެވޭނެ ކަމަށެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މައިމޫނާ ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅަމުން ދަނީ މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި އެ ހާލަތު އިއުލާނުކޮށްފައި އޮތުން މި ވަގުތަށް މުހިންމު ކަމަށެވެ.

މައިމޫނާ ވިދާޅުވީ މިހާރު ބަލީގެ ހާލަތަށް ބަލައި ކުރިއަށް އޮތް ރޯދަ މަހަށް އިތުރު ލުއިތަކެއްދޭން ގަސްތުކުރައްވާ ކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވެން ހުރި ބަދަލުތައް ބަލައި، އުސޫލުތައް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހުން މުހިންމު ކަަމަށާއި ވެކްސިން ކަވަރޭޖް ވަރުގަދަކުރެވިއްޖެ ނަމަ ލުއިތައް ދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެއާ 220،768 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.