05 Feb 2012, 12:13
މަސްތުވެގެން ތިބި ހާލުގައި އިދިކޮޅު މުޒާހަރާއަށް ހުރަސްއެޅި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޭންގުތަކަށް ނިސްބަތްވާ ޒުވާނުން ހައްޔަރުކޮށް، ފޮރެންސިކް ހެކިތަކުން އެފަދަ ކަމެއް ފާހަގަ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި 16 މީހުންގެ ތެރެއިން، ބައެއް މީހުންގެ ޔޫރިން ޓެސްޓްކޮށް މަސްތުވާޒާތުގެ އެއްޗަކަށް ޕޮޒިޓިވްވޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން އަދި މިހާތަނަށް އެއްވެސް މީހަކު މަސްތުވާއެއްޗެއް ބޭނުން ކުރި ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ފުލުހުންގެ ތަހުގީގުގައި ބަލާ ފޮރެންސިކް ހެކިތަކަށް ބުރަވެގެން އެއްޗެއް ދެންނެވޭނީ. އަދި ނުބުނެވޭނެ އެ މީހުން ތިބީ މަސްތުވެގެން ކަމެއް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިދިކޮޅު ހަތް ސިޔާސީ ޕާޓީއެއްގެ އިއްތިހާދުން ރޭ ޕީޕީއެމް އޮފީސް ކުރިމަތިން މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަށް ބޮޑުތަކުރުފާނު މަގުން އުތުރަށް ނައްޓާލި ހިސާބުން މުޒާހަރާއަށް ހުރަސް އެޅީ ހެންވޭރު ކޮޅުންނެވެ. މުޒާހަރާއަށް އެންމެ ފުރަތަމަ ހުރަސްއެޅީ އެންމެ މީހެކެވެ. އޭނާގެ އަތުގައި "ތާޒާ" ކުޑަ ފެންފުޅިއަކަށް ދަނބު ކުލައިގެ ދިޔާ އެއްޗެއް އަޅާފައިވާ ހުއްޓެވެ. އަދި ފުޅި ބޮމުން އޭނާ މުޒާހަރާގެ ބައިވެރިންނާ ހަޑިހުތުރު ބަހުރުވައިން ވާހަކަތައް ދައްކައި އަޑުގެ ކޮޅަށް ހަޅޭއްލަވައި ހެދި އެވެ. ނޫސްވެރިންގެ ކުރިމަތީގައި އެ އަމަލްތައް ހިންގުމަށް ފަހު، ފުޅީގައި ހުރި ދިޔާ އެއްޗެއި މަގުމައްޗަށް އަޅާލައި ރޮނގެއް އޭނާ އެޅި އެވެ. އަދި އެ ރޮނގު ހުރަސް ނުކުރުމަށް އޭނާ އިންޒާރު ދިނެވެ.
މުޒާހަރާގެ ތެރެއަށް އޭނާ ވަދެ، ހަމަނުޖެހުމަކަށް މުޒާހަރާ ބަދަލުކޮށްލި ހިސާބުން އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނަމުން ދިޔައީ އޭނާ ހުރީ މަސްތުވެގެން ކަމަށެވެ. އަދި އެކަމަށް އޭނާ އެއްބަސްވެ، ރާ ބޮއެގެން ހުރި ކަމަށް ވެސް މުޒާހަރާގެ ބައިވެރިންނާ ޒުވާބު ކުރަމުން އޭނާ ބުނި ކަމަށްވެ އެވެ.
"މޫނާ މޫނު، ޖެހޭވަރަށް ކައިރިވެގެން ހުރެ، ހަޅޭއްލަވާއިރު އޭނާގެ އަނގައިން އެދުވަނީ ހަމަގައިމު ވެސް ރަލުގެ ވަސް. އެއީ ޝައްކެއް ހުރި ކަމެއް ނޫން،" ނަން ނުޖެހުމަށް ޝަރުތުކޮށް މުޒާހަރާގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.
މުޒާހަރާގައި ހަމަނުޖެހުމަކަށް ބަދަލުވި ހިސާބުން ރަޔަޓް ފުލުހުން އެ ސަރަހައްދަށް ގޮސް މުޒާހަރާއަށް ހުރަސްއެޅި ކަމަށް ޝައްކުކުރެވޭ ބައެއް މީހުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ގޭންގުތަކަށް ނިސްބަތްވާ ފަސް ވަރަކަށް މީހުން ހައްޔަރު ކުރިތަން ވެސް ސަންގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ.