23 Mar 2021, 09:11
ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 90 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ދީފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ޕޮލިސް ވޯކްފޯސްގެ 92 ޕަސެންޓަށް ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދެވިފައިވާ ކަމަށެވެ.
ފުލުހުންނަށް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދަނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުންނެވެ. މިހާތަނަށް ފުލުހުންގެ އެއްވެސް މުވައްޒަފަކު ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅަން ނިންމާފައި ނުވެ އެވެ.
ސީޕީ މިއަދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ކޮވިޑް19 ޕީސީއާރް ލެބޯޓްރީ ޕްރޮފެޝެންސީ ޓެސްޓިންގެ ގްލޯބަލް ރައުންޑުން ފުލުހުންގެ ފޮރެންސިކް ސާވިސްގައި ހުރި ޑީއެންއޭ ލެބޯޓަރީ ފާސްވެފައިވާ ކަމަށެވެ.
ފުލުހުން މީގެކުރިން ބުނެފައި ވަނީ އެ މުވައްސަސާގެ މުވައްޒަފުން ތިބީ ވެކްސިން ޖަހައިގެން، ބަލިން ރައްކާތެރިވެ، ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ މިހާލަތު ބަދަލު ކުރުމުގެ އުއްމީދުގައި ކަމަށެވެ.
ކޮވިޑު 19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެއާ 220،768 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.
މިހާރު ރާއްޖޭގައި ދެމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިން އެވެ.