ކޮކްސް ބާޒާރު (މާޗް 23) : ގައުމުން އަނިޔާވެރިކަމާއެކު ބޭރުކޮށްލުމުން ގޮތް ހުސްވެ ރެފިއުޖީންގެ ގޮތުގައި ބަންގްލާދޭޝަށް ހިޖްރަކޮށްގެންއުޅޭ މިޔަންމާގެ ރޮހިންގްޔާ ރެފިއުޖީން ދިރިއުޅޭ ބިޔަ ފޭލިގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައް ސަތޭކަ ފޭލިގެއެއް އަނދައި ހުލިވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބްނގްލަދޭޝްގެ އުތުރުގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅޭ ރޮހިންގްޔާ ރެފިއުޖީންގެ ފޭލިގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ ކައްކާ ގޭސް ފުޅިއެއް ގޮވައިގެންނެވެ. ގޭސް ފުޅި ގޮވައި އަލިފާން ހިފުމުން އެތާތިބިމީހުން ފުރަތަމަ މަސައްކަތްކުރީ އަލިފާން ނިއްވާލުމަށް ކަމަށާ ނަމަވެސް އެކަން ކާމިޔާބުނުވެ އަލިފާންގަނޑު ކޮންޓުރޯލުން ނައްޓައި އަވަށްޓެރި ފޭލިގެތަކަށް ފެތުރުމާއެކު އަލިފާން ނިއްވާ ފަރާތްތައް އައިސް ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު 700 އަށްވުރެގިނަ ފޭލިގެ ވަނީ އަނދައި ހުލިވެފަ އެވެ.

މަންޒަރު ދުށް މީހުން ބުނިގޮތުގައި މިއީ ކުޑަކުޑަ ކަމަކުން ހިނގި ބޮޑު އަދި ހިތާމަވެރި ހާދިސާއެކެވެ. މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގެ ގަޑިން އިއްޔެ ހަވީރު ގާތްގަނޑަކަށް 3:30 ހާއިރުއެވެ. ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާ (ޔޫ.އެން.އެޗް.ސީ.އާރު) ބުނާގޮތުން މިހާދިސާގައި 3500 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ 550 ފޭލިގެއާއި ރެފިއުޖީންނަށް ޚާއްސަކޮށްގެން ހިންގާ 150 އަށްވުރެގިނަ ފިހާރައާއި ޚިދުމަތްދޭ ތަންތަން ވަނީ އަނދައި ހުލިވެފައެވެ.

ބަންގްލަދޭޝްގެ މަސްއޫލުވެރިއެއްކަމަށްވާ މައުމޫނު އައްރާޝިދު ވިދާޅުވިގޮތުގައި ހުޅުރޯވެ އަލިފާންގަނޑު ބޮޑުވާން ފެށުމުން އެ ފޭލިގެތަކުގައި ދިރިއުޅޭ ވިއްސަކަށް ހާސް މީހުން ވަނީ ފޭލިގެތައް ދޫކޮށް ރައްކާތެރި ތަންތަނަށް އަމިއްލައަށް ގޮސްފައެވެ. އެހެންކަމުން މިއީ ކިތަންމެ ބޮޑު އަލިފާންގަނޑެއްކަމަށްވެފައި ކިތަންމެ ނުރައްކާތެރި ހާދިސާއެއް ކަމަށް ވިޔަސް މިހާދިސާގައި މީހަކު މަރުވިކަން ނުވަތަ މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބުނުކަން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

2017 ވަނައަހަރު މިޔަންމާގެ ސިފައިން އެގައުމުގެ ރޮހިންގްޔާ ނަސްލުގެ މުސްލިމުންނާ ދެކޮޅަށް ހިނގި އަނިޔާވެރި އަމަލުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމަތަކުން ސަލާމަތް ވުމަށްޓަކައި މިލިއަނަކަށްވުރެ ގިނަ ރޮހިންގްޔައިން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް ހިޖްރަކުރުމަށްފަހު އެމީހުން ދިރިއުޅެނީ ބަންގްލަދޭޝްގެ އުތުރުގައިވާ މިޔަންމާގެ ބޯޑަރު ސަރަހައްދުގައެވެ. މީގެތެރެއިން ގިނަބަޔަކު ދިރިއުޅޭ ވަގުތީ ފޭލިގެތައް ހުންނަނީ އެހިސާބުގެ ކައިރީ އޮންނަ ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރު ސަރަހައްދުގައެވެ. (ނޫސްއެޖެންސީތައް)