ރާއްޖެއިން އިތުރު 149 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 120 މީހުންނާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި 18 މީހުންނާއި، ތަރައްގީ ކުރަމުންދާ މީހުން ނޫޅޭ ރަށްރަށުން ހަތް މީހެކެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 22،662 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،447 މީހުން ތިބިއިރު، އޭގެ ތެރެއިން 90 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު ބަލިން 138 މީހުން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 20،142 އެވެ.

ބަލީގައި މިހާތަނަށް ރާއްޖެއިން 66 މީހުން ވަނީ މަރުވެފަ އެވެ.