ދައުލަތުގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރަން ވަކި ލިމިޓެއް ކަނޑައަޅައި ފިނޭންސް މިނިސްޓްރީއިން މިދިޔަ އަހަރު ނެރުނު އުސޫލު ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި އެވެ.

އޭޕްރިލް 2، 2020ގައި ފިނޭންސް މިނިސްޓްރީއިން ނެރުނު އިއުލާނުގައިވާ ގޮތުން ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކުރާއިރު އެ ކުންފުންޏަކަށް އޭރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ޖުމްލަ އަގު އަދި އަދަދަށް ބެލޭނެ އެވެ. އެ އުސޫލުގައިވާ ގޮތުން، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ކުންފުނީގެ ގްރޭޑަށް ބަލައި، އެ ކުންފުންޏަކަށް ވަކި ވަރަކަށް ވުރެ އަގުގެ ގޮތުން ގިނައިން މަޝްރޫއުތައް ހަވާލުކޮށްފައިވާނަމަ އެއަށްވުރެ އިތުރަކަށް އެ ކުންފުންޏަކަށް މަސައްކަތެއް ހަވާލެއް ނުކުރެވޭނެ އެވެ.

އެ އިއުލާނު ގާނޫނުއަސާސީއާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހެޅީ އެޑްވޮކަސީ ޗޭމްބާސް އެލްއެލްޕީ ލޯ ފާމުގެ ފަރާތުންނެވެ. ނޮވެމްބަރު 16، 2020ގައި ހައިކޯޓުގައި ރަޖިސްޓްރީ ކުރި އެ މައްސަލައިގެ މައުޟޫއަށް ނުގޮސް މައްސަލަ ހައިކޯޓުގައި ކުރިއަށްގެންދެވޭނެތޯ ބަލައި ހުކުމް އިއްވީ މިއަދު އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުގެ އަސްލީ އިހްތިސާސް ލިބިގެންވަނީ، ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ.

އެޑްވޮކެސީ ޗޭމްބާސްއިން ހުށަހެޅި އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ހައިކޯޓަށް އަސްލީ އިހްތިސާސް ލިބިފައިވާ ކަމަށް ބަޔާންކުރާ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލައަކީ ހައިކޯޓުގެ ގަވައިދުގެ ދަށުންވެސް ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ އެ މައްސަލައަކީ ހައިކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ ތަރަހައިގެ ތެރެއިން ބެލޭނެ މައްސަލައަކަށް ނުވާތީ އެ މައްސަލަ ހައިކޯޓުގައި ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ.