05 Feb 2012, 12:06
މިހާރު މާލޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ރޭ މެންދަމުގެ ވަގުތެއްގައި މަންދުކޮލެޖާއި ކިޗަން ކްއީން ފިހާރައިގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއީ 24 ގަޑި އިރުގެ ތެރޭގައި ކިޗަން ކްއީންގެ ބިއްލޫރިގަނޑު ތަޅާލި ދެ ވަނަ ފަހަރެވެ.
ފުލުހުން ބުނީ ކިޗަން ކްއީންގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 1:44ގައި ކަމަށެވެ. އަދި މަންދު ކޮލެޖުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 3:50ގައި ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ އޭގެ އިތުރުން ވެސް ރޭ ފަތިހުގެ ވަގުތެއްގައި "ޅިޔަނުކެފޭ" ނަމަކަށް ކިޔާ ހޮޓަލަކަށް ދެ މީހަކު ވަދެ އެތާގެ ބައެއް އެއްޗިއްސައް ގެއްލުން ދިނުމުގެ އިތުރަށް މިއަދު ހެނދުނު ކާނިވާ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ހެވީލޯޑްގެ ޕިކަޕެއްގެ ވިންޑް ސްކްރީން ވެސް ތަޅާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މާލޭގެ އެކި ސަރަހައްދުތަކުގެ ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި އާއްމުންގެ މުދަލަށް ގެއްލުން ދިނުން އިތުރުވެފައި ވުމުގެ ސަބަބުން ފުލުހުން މަގުމައްޗަށް އިތުރަށް ނެރި އެފަދަ ހާދިސާތައް މަދުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަ ށެވެ.
"ރައްޔިތުންގެ މުދަލާއި ތަކެތި ސަލާމަތްކުރުމުގެ ގޮތުން ފުލުހުން މަގުތައް ބެލެހެއްޓުން އިތުރުކޮށްފައި މިވަނީ. މިހާރު ގެއްލުން ދީފައިވާ ތަންތަން ވެސް ފުލުހުން ބަލަހައްޓަމުން ގެންދަނީ،" ހަނީފު ވިދާޅުވި އެވެ.
ރޭގެ އިރާކޮލުގެ ވަގުތެއްގައި ވަނީ ރީފްސައިޑް3ގެ ބިއްލޫރިގަނޑު ތަޅާލުމުގެ އިތުރުން ކިޗަން ކުއީންގެ ބިއްލޫރިގަނޑެއް ވެސް ތަޅާލާފަ އެވެ.
ރޭ މާލޭގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ އެކްޓިވުސްޓުން ކުރި މުޒާހަރާގެ ތެރެއިން 16 މީހަކު ފުލުހުން ހައްޔަރުކޮށްފައި ވީނަމަވެސް އޭގެތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.