22 Mar 2021, 18:21
ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފިޔާޒް އިސްތިއުފާ ދެއްވި އިރު، އަލަށް ފަށަން ތައްޔާރުވާ ނޫހުގައި އޭނާގެ މަސްލަހަތު އޮންނަކަން ވަނީ ހާމަވެފަ އެވެ.
ރާއްޖެޓީވީގެ ސީއީއޯގެ މަގާމު ވެސް މީގެކުރިން ފުރުއްވި ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު ފޯމު ބަލައިގަންނާނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހު ރައީސް އޮފީހުންނަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 35 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.
އެ ފަރާތަކީ ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއިސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތައް ބުނެއެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް މަދުވެގެން ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.