22 Mar 2021, 18:03
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ކޮންމެ ވަގުތެއްގައި އެޅޭނެ ގޮތަށް، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުން މިވަގުތަށް މުހިންމު ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން 12 ފަހަރެއްގެ މަތިން އެ ހާލަތު ވަނީ އިތުރުކޮށްފަ އެވެ.
ނަމަވެސް މިވަގުތު ރާއްޖޭގައި މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތެއްތޯ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިއަދު ސުވާލު އުފައްދަވައިފަ އެވެ.
ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު މައްސަލައެއް ހުށަހެޅުއްވި އެވެ.
މެމްބަރު ވިދާޅުވީ ކުއްލި ނުރައްކަލަކީ ކުއްލިއަކަށް ދިމާވާ ނުރައްކާ ކަމަށެވެ. އެކަމުގެ ތެރޭގައި ގިނަ ދުވަސް ފާއިތުވެ، އެކަމަށް ހޭނި، ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައްޔިތުން ފަރިތަވުމުން، އެއީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ގާނޫނީ ގޮތުން ވެސް އަދި ހަމަބުއްދީގެ ގޮތުން ބަލާއިރު ވެސް ގަބޫލުނުކުރެއްވެވޭ ކަމަށެވެ.
އެ މައްސަލައިގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންވަނީ ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ވެސް މެމްބަރުން ވަނީ މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުތޯ ސުވާލުކޮށްފަ އެވެ.
މައިމޫނާ ވިދާޅުވީ ބަލީގެ ނުރައްކާ އަދިވެސް ކުޑަ ނުވާ ކަމަށާއި މުޅި ދުނިޔޭގައި ވެސް ކޮވިޑް19 އަދި އޮތީ ޕެންޑެމިން އެއްގެ ގޮތުގައި ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުއްލިއަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނީ އެކަމަށް މަގުފަހިވެފައި އޮތުމުން ކަމަށާއި، ފިޔަވަޅުތައް އެޅޭނީ އެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ކަމަށެވެ.
"އެހެންވީމަ އެގޮތުން އަޅުގަނޑުމެންނަށް މިހާރު މި ކުރެވޭ މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމަށްޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އަދިވެސް [ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު] އޮތުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ބަލައިގަންނަން. އެހެން ނުހަދައިފި ކަމަށް ވާނަމަ، އަޅުގަނޑުމެންނަށް އަޅަންޖެހޭ ފިޔަވަޅުތަކުގަ ނުވަތަ މޫވްމަންޓް ރެސްޓްރިކްޝަންސް ކަހަލަ ކަންކަމުގަ އަޅުގަނޑުމެންނަށް ކުރިއަށް ގެންދިއުން ދަތިކަމަކަށް ވާނީ،" މައިމޫނާ ވިދާޅުވި އެވެ.
މައިމޫނާ ވިދާޅުވީ، އޭނާގެ އިތުރުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ސިއްހީ ދާއިރާގެ އެހެން ބޭފުޅުން ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިވަގުތަށް އިއުލާނުވެފައި އޮތުން މުހިންމު ކަމަށް އެއްބަސްވާ ކަމަށެވެ.