22 Mar 2021, 16:01
ދިއްލީ (މާޗް 22): އިންޑިއާގައި ކޮވިޑް-19 ޖެހެމުންދާ މީހުންގެ އަދަދު އިތުރުވާ މިންވަރާ ބެހޭ ގޮތުން އެގައުމުގެ ކަމާ ބެހޭ މާހިރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އިންޑިއާގައި މި އަހަރު ފެށުނު އިރު ކޮވިޑްގެ ކޭސްތައް މަދުވި ނަމަވެސް ފަހުން އެ އަދަދު އިތުރުވި ސަބަބުތަކުގެ ތެރޭގައި ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި މީހުން ފަރުވާ ކުޑަ ކުރުން ހިމެނޭ ކަމަށް އެގައުމުގެ ކްރިޓިކަލް ކެޔާ މާހިރެއް ކަމަށްވާ ޑރ. އޭ ފަތަހުއްދީން ވިދާޅުވި އެވެ.
"ބައެއް މީހުން ހީކުރީ އިންޑިއާއަށް ހާޑް އިމިއުނިޓީ ހާސިލު ކުރެވުނީ ކަމަށް ނަމަވެސް އެއީ ހަގީގަތެއް ނޫން،" ޑރ. ފަތަހުއްދީން ވިދާޅުވި އެވެ.
ހާޑް އިމިއުނިޓީއަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބާދީގެ ބޮޑު ޕަަސެންޓޭޖެއް ހޭނި، އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ.
މީގެ އިތުރުން ކޮވިޑް ވެކްސިން ޖަހަން ފެށުމާއެކު އާއްމު ދިރިއުޅުމަށް ރުޖޫއަ ވެވޭނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރި ކަމަށް ވެސް ފަތަހުއްދީން ވިދާޅުވި އެވެ. އަދި މިހާރު އިންޑިއާ އޮތީ އާއްމު ހާލަތެއްގައި ނޫން ކަމަށާއި ބަލި ފެތުރޭ މިންވަރާ މެދު ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިއީ އެއްގޮތަކަށް ވެސް އާއްމު ހާލަތެއް ނޫން، މިއީ ކަންބޮޑުވާން ޖެހޭ ހާލަތެއް. ވެކްސިން ޖަހާ މިންވަރު ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ އަދި ޓެސްޓު ކުރުމާއި ޓްރޭސް ކުރުމާއި އެކަހެރި ކުރުމުގެ ޕްރޮޓޮކޯލްތައް މުޅި ގައުމުގައި ވަރުގަދަ ކުރަން ޖެހޭ،" ފަތަހުއްދީން ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެގައުމުގެ 70 ވަރަކަށް ޑިސްޓްރިކްޓުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 150 ޕަސެންޓަށް ވުރެ އިތުރުވެފަ އެވެ. އަދި މިހާރު ބަލި ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ މުޅި ގައުމުގައި ކޭސްތައް އިތުރުވާން ފަށާނެ އެވެ.
އިންޑިއާއިން ވަނީ މިދިޔަ ހަފްތާގައި 260،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓުކޮށްފަ އެވެ. އެހެންކަމުން ބަލިމަޑުކަން ފެށުނު ފަހުން އެންމެ ގިނަ ކޭސްތައް ފެނުނު ހަފްތާތަކުގެ ތެރޭގައި އެ ހަފްތާ ވަނީ ހިމެނިފަ އެވެ.
މީގެ އިތުރުން އިންޑިއާގައި 24 ގަޑި އިރު ތެރޭ ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ ރެކޯޑު މިންވަރުތަކަށް އަރަމުންނެވެ. އެގޮތުން މިއަދު އެގައުމުން 46،951 އާ ކޭސް ރިޕޯޓުކޮށްފައިވާ އިރު އެއީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން އެއް ދުވަސް ތެރޭ އެހާ ވަރަށް ގިނަ މީހުންނަށް ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.
އިންޑިއާއިން ކޮވިޑްގެ ކޭސްތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ސަރަހައްދުތަކުގެ ތެރޭގައި މަހާރަޝްތުރާ އާއި ކެރަލާ އާއި ޕަންޖާބާއި ކަރުނާޓަކާ އާއި ގުޖުރާތާއި ޓަމިލް ނާޑޫ އާއި ހަރިޔާނާ އާއި މަދުޔަ ޕްރަދޭޝް ހިމެނެ އެވެ.
އޭގެ ސަބަބުން މަހާރަޝްތުރާގެ ވެރިރަށް މުމްބާއީން ވަނީ އެ ސިޓީގެ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ސިއްހީ އޮފިޝަލުން ތިބެ، ކޮވިޑް ޓެސްޓު ހަދަން އަންގާ ބަޔަކު ޓެސްޓު ހެދުން މިއަދުން ފެށިގެން ލާޒިމު ވާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި މިހާތަނަށް 11.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 160،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.