22 Mar 2021, 15:12
ފުރާވަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކަށް ދަށު ކޯޓުން އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ސާދަ އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނުކަން، ސާބިތުވެ އދ. މަހިބަދޫ ބުލްބުލާގެ ހުސައިން އިބްރާހީމްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މަހިބަދޫ ކޯޓުގެ ނިންމުން ހުސައިން އިބްރާހީމްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން އެ މައްސަލައިގައި މިއަދު ކުރި ހުކުމްގައި ވަނީ، ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށާއި އެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.
މަހިބަދޫ ކޯޓުގެ ހުކުމަށް ތާއީދު ކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން މަޒީދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދު އެވެ. މައްސަލައިގައި ރައުޔު ތަފާތުވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރުގެ އެވެ.