22 Mar 2021, 13:14
ކޮންސްޓްރަކްޝަން އަދި ކާޕެންޓްރީގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ އާރްސީސީގެ މުވައްޒަފުންނަށް، އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމައިފި އެވެ.
އާރްސީސީ އަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެވެ.
އާރުސީސީ އިން މިއަދު ބުނީ ކޮވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ.
އެހެން ނަމަވެސް މުވައްޒަފުންގެ ހިތްވަރުގެ އަގުވަޒަން ކުރުމަށްޓަކައި، އެއް މަހުގެ މުސާރަ، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން، އެ ކުންފުނީގެ ޗެއާމަން، ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށެވެ.
"ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް. އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ،" މެންބަރު ނާޒިމް ވިދާޅުވި އެވެ.