މާލެ ސަރަހައްދުގައި ސައިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖަހަން ފަށާފައިވާއިރު ވެކްސިން ދެނީ 18 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ސައިނޯފާމް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މިހާތަނަށް ރާއްޖޭގައި ދީފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ދެމުން ގޮސްފައިވަނީ ކޮވިޝީލްޑް ވެކްސިން އެވެ.

މީގެ ކުރިން 18 އަހަރުް މަތީގެ އެންމެންނަށް ވެކްސިން ޖަހާދީފައި ވެއެވެ.

މިއަދު މާލެ ސަރަހައްދުގައި ވެކްސިން ޖަހާނީ ހަ ސެންޓަރަކުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހާނެ ވަގުތު:

  • ސޯޝަލް ސެންޓަރު: ހެނދުނު 10:00 އިން ހަވީރު 16:00

  • އިސްލާމީ މަރުކަޒު: ހެނދުނު 10:00 އިން ހަވީރު 16:00
  • ހުޅުމާލޭ ވެކްސިން ސެންޓަރު: ހެނދުނު 10:00 އިން ހަވީރު 16:00
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު: ހެނދުނު 10:00 އިން ހަވީރު 14:00
  • ރައްޔިތުންގެ މަޖިލިސް: ހެނދުނު 10:00 އިން ހަވީރު 16:00
  • ޓްރީޓޮޕް ހޮސްޕިޓަލް: ހެނދުނު 10:00 އިން ހަވީރު 16:00

ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ނުވަތަ ވޯކް ޕާމިޓް ގެންދިޔުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށް އަދި އަމިއްލަ ފެންފުޅި އެއް ގެންދިޔުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސް އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިނަމަ ވެކްސިން ޖަހަން ނުދިޔުމަށްވެސް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.

ވެކްސިން ޖަހާ މީހާ ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ވެސް ހިއްސާ ކުރަން ޖެހެއެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ޖަހަން ފެށިއިރު، ފައިޒާ ވެކްސިނަށް ވެސް ރާއްޖެއިން ވަނީ ހުއްދަ ދީފައެވެ.

ރާއްޖޭގައި ސައިނޯފާމްގެ 18،000 ޑޯޒް މިވަގުތު އެބަހުއްޓެވެ. އެ ވެކްސިންގެ ދެ ލައްކަ ޑޯޒް ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ސައިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަކުރާނެއެވެ.

މީގެ ކުރިން އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުުރަތަމަ ޑޯޒް ޖެހުން މިމަހުގެ 15 ގައި މެދުކަނޑާލުމަށްފަހު، ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް ވެކްސިން ޖަހަން ފަށާނީ ވެކްސިންގެ ދެވަނަ ބުރު ޕްލޭންކުރުމަށް ފަހު ފައިނަލް ވުމުން ކަމަށެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 218،912 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

މިއަދުން ފެށިގެން ރާއްޖޭގައި ވަކި އުސޫލެއްގެ ދަށުން ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހަން ފަށާނެއެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު، ބޭސްފަރުވާ އަށް ނުވަތަ ކިޔެވުމަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތައް، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފްތާ ވެފައިވާނަމަ، އަދި އޭގެ ފަހުން 12 ހަފްތާ އާއި އަށް ހަފްތާ އާއި ދެމެދު ރާއްޖޭގައި ނުހުރެވޭނަމަ ދެވަނަ ޑޯޒް ޖަހައިދޭނެ އެވެ.