05 Feb 2012, 10:58
ޓޮޓެންހަމް އަށް ހޮޓްސްޕާ އަށް ގޯލު ކާމިޔާބު ކޮށްދިނުމަށް ގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށް އެކުލަބާއި އަލަށް ގުޅުނު ފްރާންސް ފޯވާޑް ލުއިސް ސާހާ ބުނެފި އެވެ. އެވަޓަން އިން ޓޮޓެންހަމް އާއި ގުޅުނީ ޖެނުއަރީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު އެވެ.
އަންނަ ހޯމަ ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ޓޮޓެންހަމް ނުކުންނަ އިރު، އެޓީމުގެ ފުރަތަމަ އެގާރައިން ފެނުމުގެ ފުރުސަތު ސާހާ އަށް އެބަ އޮތެވެ. ޓޮޓެންހަމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގިނަ ފޯވާޑުން މިވަގުތު ތިބީ އަނިޔާގަ އެވެ.
މިސީޒަނުގައި ޓޮޓެންހަމް އަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ޖާމެން ޑެފޯ އާއި ރަފެއަލް ވެންޑަ ވާޓް އަދި އެމަނުއެލް އަޑެބަޔޯ ވެސް ހުރީ އަނިޔާގަ އެވެ. އެހެން ކަމުން ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން ސާހާ އަށް ފުރުސަތު ލިބުން ވަރަށް ގާތެވެ.
"ގިނަ ގޯލުތަކެއް ކާމިޔާބު ކުރަން އަހަރެން ބޭނުން. ޓޮޓެންހަމް އަކީ ވަރަށް އެޓޭކިންގް ފުޓުބޯޅަ އެއް ކުޅޭ ޓީމެއް. މިޓީމުގަ ހުރި ހުރިހާ ކުޅުންތެރިންނަކީ ވެސް ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިން. އެހެންކަމުން މިޓީމަށް ގޯލު ކާމިޔާބު ކޮށްދިނުމަށް މާގިނަ ވަގުތުތަކެއް ނުނަގާނެ." ސާހާ ބުންޏެވެ.
މިވަގުތު ޓޮޓެންހަމް އޮތީ ޕްރެމިއާ ލީގުގެ ތިންވަނާގަ އެވެ. ލީގުގެ އެއްވަނާގައި މެންސިޓީ އޮތް އިރު، ދެވަނާގައި އޮތީ މެންޔުނައިޓެޑް އެވެ. އަދި ހަތަރު ވަނާގައި އޮތީ ޗެލްސީ އެވެ.