22 Mar 2021, 10:15
ސްކޫލްތަކުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުން މިހާރު އެންމެ ރަނގަޅުކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފި އެވެ. އާ ހޯދުންތަކާއި ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސީޑީސީ އިން މިހާރުވަނީ ކުރީގެ ގައިޑްލައިންތައް ރިވައިސްވެސް ކޮށްފަ އެވެ.
ސީޑީސީ އިން ކުރިން އާންމު ކޮށްފައިވާ ގައިޑްލައިންތަކުގައިވާ ގޮތުން ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ހާޢްސަ ފިޔަވަޅުތަކުގެ ދަށުން ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭނަމަ 6 ފޫޓުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ. އެހެންނަމަވެސް މި ނިންމުން ބަދަލުކޮށްފައިވަނީ މި ނިމުނު ހަފްތާގެ ހުކުރު ދުވަހު އާންމުކުރެވުނު ތިން ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. ތިން ފޫޓުގެ ދުރުމިން ޔަގީން ކުރެވޭނަމަ ބަލިން ރައްކާތެރިވެވޭކަމަށް މި ދިރާސާތަކުގެ އަލީގައި ބުނާއިރު، މާސްކް އެޅުން ފަދަ އެހެނިހެން ކަންކަންވެސް ކުރަންޖެހޭނެ އެވެ.
މިކަންކަމުގެ ތެރޭގައި މާސްކް އެޅުމުގެ އިތުރަށް، އަތް ދޮވުމާއި، ރަނގަޅަށް ސާފުކުރުމާއި ކެއްސާ ކިނބިހި އެޅުމުގައި ސަމާލުވުމާއި، ގިނައިން ބައްޔަށް ޓެސްޓްކުރުމާއި، ކޮންޓެކްޓް ޓޤރޭސިން ހެދުމާއި، ބަލީގެ އަލާމާތްތައް ފެންނަނަމަ އަފދި ޕޮޒިޓިވް ވެއްޖެނަމަ އެކަހެރިވެ، ކަރަންޓީން ފުރިހަމަކުރުންވެސް ހިމެނެ އެވެ.
މި ނިންމުން ތަކާޢިއެކު، އިތުރު ސްކޫލްތައްވެސް ހުޅުވޭނޭ ކަމަށް ލަފާކުރެވުނު ނަމަވެސް ޓީޗަރުންގެ ޔޫނިއަންތަކުން ދަނީ އަދިވެސް ކަމާއިގުޅޭ އިތުރު ތަފްސީލްތައް ދިނުމަށް އެދެމުންނެވެ.
ސީޑީސީގެ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު، ފްލޮރިޑާގެ ދަރިވަރުންގެ ކިބައިން ފެނުނު 60 ޕަސެންޓް ކޮވިޑް ކޭސްތަކަކީ ސްކޫލްތަކާއި ގުޅުންހުރި ކޭސްތަކެއް ނޫނެވެ. އަދި ސްކޫލްތަކާއި ގުޅުންހުރި ކޭސްތަކުގައި އަދަދު 1 ޕަސެންޓަށްވުރެ ވެސް ކުޑައެވެ.
އެއާއެކު، އެކި ކުޅިވަރު ހަރަކާތްތަކާއި، އިޖްތިމާއީ އެއްވުންތައް ސްކޫލްތަކަށް ވުރެ މާ ނުރައްކާތެރި ކަމަށްވެސް މި ރިޕޯޓުތަކުގައި ވެއެވެ.
އެހެން ސިޓީއެއް ކަމުގައިވާ އުޓާގެ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު، ބައެއް ޕްރައިމަރީ ސްކޫލްތަކުގައި 86 ޕަސެންޓް ކުދިން މާސްކް އަޅާފައިވާއިރު އެއް ކުއްޖެއްގެ ފަރާތުން އަނެއް ކުއްޖަކަށް ބަލި ފެތުރިފައިވަނީ ވަރަށް މަދުންނެވެ.
ތިން ފޫޓުގެ ދުރުމިން ކްލާސްރޫމްތަަކުގައި އެންމެ ރަނގަޅުކަމަށް އާ ގައިޑްލައިންތަކުގައި ބުނެފައިވިޔަސް، ގިނަ ދަރިވަރުންތަކެއް އެއްވާ އޮޑިޓޯރިއަމް އާއި ލޮބީ ތަކާއި އަދި އިތުރު ހަރަކާތްތައް ކަމުގައިވާ ލަވަކިޔުމާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި އަދިވެސް 6 ފޫޓު ދުރުމިން ޔަގީންކުރުމަށް ސީޑީސީ އިން އެދެ އެވެ.