މިވަގުތު އަތޮޅު ތެރޭގައި ކޮވިޑް19ގެ 207 އެކްޓިވް ކޭސް އެބައޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ މިއީ އަތޮޅު ތެރެއިންް އެންމެ ގިނަ ކޭސްތައް ފެންނަމުންދާ ދުވަސްވަރު ކަމަށެވެ. މި ކޭސްތަކާ ގުޅިގެން މިވަގުތު ހަތް ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ކޮވިޑްގެ ކޭސްތަކާއެކު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތައް:

ނ. ޅޮހި: 23 ޕޮޒިޓިވް ކޭސް

ދ. މީދޫ: ޕޮޒިޓިވް އެއް ކޭސް

އދ. ފެންފުށި: ޕޮޒިޓިވް ދެ ކޭސް

އއ. ތޮއްޑޫ: ޕޮޒިޓިވް ހަތް ކޭސް

ރ. އުނގޫފާރު: ޕޮޒިޓިވް ފަސް ކޭސް

ފ. ނިލަންދޫ: ޕޮޒިޓިވް އެއް ކޭސް

ދ. ކުޑަހުވަދޫ: ޕޮޒިޓިވް 22 ކޭސް

އެޗްއީއޯސީ އިން ބުނީ ކުޑަހުވަދޫގައި އޮތީ ކޮވިޑް19ގެ ލޯކަލް ޓްރާންސްމިޝަނެއް ކަމަށެވެ. މިމަހުގެ 18 ގައި ކުޑަހުވަދު އިން ކޮވިޑްގެ ހަ ކޭސް ފެނުނު ފަހުން މިއަދާ ހަމައަށް ޖުމްލަ 22 ކޭސް ފެނިފައިވާ ކަމަށް އެ ސެންޓަރުން މިރޭ ބުންޏެވެ. އެ ރަށުން މިހާތަނަށް 427 ސާމްޕަލް ވަނީ ނަގައިފަ އެވެ.

ކުޑަހުވަދުއާ ގުޅުން ހުރި ކޭސް އެއް އެ އަތޮޅު މީދު އިން ފެނިފައިވާއިރު އެ ރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްއީއޯސީ އިން ބުންޏެވެ. މިހާތަނަށް 64 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

"އަޅުގަނޑުމެންނަށް ކޮވިޑްގެ މަސައްކަތުގެ ތެރޭގައި މި ފަހަކަށް އައިސް އެންމެ ގިނަ އެކްޓިވް ކޭސް އަތޮޅު ތެރޭގައި ހުރި ދުވަސްތަކަކަށް މިވަނީ މި ދުވަސްވަރު. މިހާރު އަތޮޅު ތެރޭގައި އެކްޓިވް ކޭސްގެ ގޮތުގައި 207 ފަރާތެއް ވަނީ ފާހަގަ ކުރެވިފައި. އަދި ހަމަ އެހެންމެ، ހަތް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވޭ،" މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ތެރޭގައި ކުޑަހުވަދު އާއި އުނގޫފާރު ފަދަ ހިދުމަތް ހޯދަން އަތޮޅު ތެރެއިން އާންމުކޮށް މީހުން ދަތުރު ކުރާ ރަށްތައް ހިމެނޭ ކަމަށެވެ. އެ ރަށްތަކަށް ދަތުރު ކޮށްފައިވާ ފަރާތްތައް ހޯދައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު، އެ ކޭސްތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީނު ކޮށްފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރަން. ހާއްސަކޮށް ހުރހާ ވަގުތެއްގައިވެސް މާސްކު ބޭނުން ކުރުމަކީ މިގޮތަށް ރަށްރަށް މޮނީޓަރިންގެ ހާލަތަށް ގެންދެވޭއިރު ނުވަތަ ރަށެއްގައި ބަލި އުޅޭނަމަ ނުވަތަ ސްޕްރެޑެއް އުޅޭނަމަ ސްޕްރެޑް ކޮންޓްރޯލު ކުރުމުގައި އެޅޭ މުހިއްމު ފިޔަވަޅެއް،" މައުރޫފް ވިދާޅުވި އެވެ.