05 Feb 2012, 10:56
ޕްރެމިއާ ލީގުގައި ރޭ ރެލިގޭޝަންގެ ބިރާއި ކުރިމަތި ވެފައިވާ ބްލެކްބާން ރޮވާސް ކޮޅަށް އާސެނަލް އިން ލަނޑު ގޯންޏެއް ޖަހައިފި އެވެ. މެންސިޓީ އިން ވެސް ވަނީ ފުލަމް އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ.
ބްލެކްބާން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ރޮބިން ވެންޕާސީ ވަނީ ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޕެޑަސަން ވަނީ ބްލެކްބާން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ބްލެކްބާން އިން ނަތީޖާ ހަމަހަމަކޮށްދިންތާ ހަތް މިނެޓް ފަހުން ވެންޕާސީ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް، އާސެނަލް އަށް އަލުން ލީޑު ހޯދައިދީފަ އެވެ. މެޗުގެ 40 ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭންޑް ޗެމްވަލެން ވަނީ އާސެނަލް އަށް ރީތި ގޯލެއް ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ތިން މިނެޓް ފަހުން ބްލެކްބާންގެ ގާލް ގިވެޓް އަށް ދެއްކި ރަތްކާޑާއި ގުޅިގެން އެޓީމު ކުޅުން ޖެހުނީ ދިހަ ކުޅުންތެރިންނާ އެކުއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބްލެކްބާން އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މާގިނައިރުތަކެއް ނުވަނީސް އާސެނަލް އިން ވަނީ މެޗުގެ ކޮންޓްރޯލް އަލުން ހޯދައިފަ އެވެ. މެޗުގެ 51 ވަނަ މިނެޓްގައި މިކްލް އާޓެޓާ އާސެނަލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. އޭގެ ތިން މިނެޓް ފަހުން އަނެއްކާ ވެސް ފެނުނީ ޗެމްބަލެންގެ ލަނޑެކެވެ. މެޗުގެ 62 ވަނަ މިނެޓުގައި ވެންޕާސީގެ ހެޓްރިކް ފުރިހަމަ ކުރިއިރު، އާސެނަލްގެ ހަތްވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅުގައި ކާމިޔާބު ކޮށްދިނީ ތޮއަރީ އޮންރީ އެވެ. މިމެޗު ނިމިގެންދިޔައި 7-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ފުލަމް އާއި ދެކޮޅަށް މެންސިޓީ ކުޅުނު މެޗުގެ ދިހަ ވަނަ މިނެޓުގައި މެންސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލީޑު ނަގައިދިނީ ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބެލްކްބާންގެ ކްރިސް ބެޔާޑް އަތުން ބައިކޮޅަށް ލަނޑެއް ވަތް އިރު، މެންސިޓީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑިން ޖެކޯ އެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.
ޕްރެމިއާ ލީގުގައި ރޭ އިތުރު މެޗުތަކެއް ވެސް ކުރިއަށް ދިޔައެވެ. ބޮލްޓަން އަތުން ނޮވިޗް މޮޅުވީ 2-0 ލަނޑުންނެވެ. ކިޔުޕީއާރު އަތުން ވޮލްސް މޮޅުވީ 2-1 ލަނޑުންނެވެ. ސްޓޯކް އަތުން ސަންޑަލޭންޑް މޮޅުވީ 1-0 ލަނޑުންނެވެ. ވެސްޓްބްރޮމް އަތުން ސްވަންސޭ މޮޅުވީ 2-1 ލަނޑުންނެވެ.
ޕްރެމިއާ ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުރިއަށް ދާނެ އެވެ. ރާއްޖެ ގަޑިން މިރޭ 6:30 ގައި ނިއުކާސަލް އާއި ދެކޮޅަށް އެސްޓަން ވިލާ ނުކުންނަ އިރު، މިރޭ 9:00ގައި ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނެ އެވެ.