ހއ. އަތޮޅުން ޑްރަގް ފެންނާތީ އެމްއެންޑީއެފް އާ ގުޅިގެން ސާޗް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް މާދަމާ ހއ. އަތޮޅަށް ދާނެ ކަމަށެވެ.

ހއ. އަތޮޅަށް މަސްތުވާތަކެތި ލައްގާކަމަށް ފުލުހުން މިއަދު ބުނެފައިވާއިރު އެ އަތޮޅު ފިއްލަދޫ އިން ބަރުދަނުގައި 25 އެއްހާ ކިލޯ ހުރި ގޯންޏެއް ވަނީ ފެނިފައެވެ.

އެ ގޯނީގެ ތެރޭގައި ހުރީ އެއްޗެހިތަކެއް އަޅާފައި ހުރި ކުދި ކޮފީ ޕެކެޓުތަކެއް ކަހަލަ ޕެކެޓުތަކެއްހުރިކަމަށާއި އަދި ބޮޑު ގޯނި ހަލާކުވެގެން، އޭގެން ބޭރުވެފައި ހުރި ވަކިވަކި ޕެކެޓުތަކެއް ވެސް އެހެން ދިމާލަކުން ހޮވާފައިވާ ކަމަށް ފިއްލަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ، އިބްރާހީމް ޝަހީމް މިއަދު ވިދާޅުވިއެވެ.

ފިއްލަދޫގެ އިތުރުން ވަށަފަރުން ވެސް ވަނީ އެފަދަ ތަކެތި މިއަދު ފެނިފައެވެ.

ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ލައްގަމުންދާއިރު، މަލިކު ކައިރިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ސްރީލަންކާގެ ތިން މަސް ބޯޓު އިންޑިއާ ކޯސްޓްގާޑުން ވަނީ ހިފަހައްޓައިފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ އެ ތިން ބޯޓުން ގިނަ އަދަދެއްގެ ހެރޮއިންއާއި އޭކޭ47 ބަޑި އަކާއި 1،000 ވަޒަން ފެނިފައިވާ ކަމަށެވެ.

މި މަހުގެ ހަތްވަނަ ދުވަހުވެސް މަލިކު ކައިރިން މަސްތުވާތަކެއްޗާއެކު ލަންކާގެ ތިން ބޯޓު ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓުތައް ހިފެހެއްތި ދުވަހު، އޭގައި ހުރި މަސްތުވާތަކެތި ކަނޑަށް އުކާލާފައިވާކަމަށް ބޯޓުގެ ފަޅުވެރިންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ޕާކިސްތާނުން އެ ބޯޓަށް އެރުވި ތަކެތި ކަމަށާއި އޭގެ ތެރޭގައި 200 ކިލޯގެ ހެރޮއިން އަދި 60 ކިލޯގެ ހަޝިޝް ހިމެނޭ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.