21 Mar 2021, 20:32
މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
ރާއްޖޭގައި ސައިނޯފާމް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ހެލްތު ޕްރޮޓެކްޝަންް އެޖެންސީ އިން ބުނީ މާލެ ސަރަހައްދުގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ދީފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ދެމުން ގޮސްފައިވަނީ ކޮވިޝީލްޑް ވެކްސިން އެވެ.
ސައިނޯފާމް ވެކްސިން ޖަހަން މާދަމާ ފަށާއިރު މާދަމާ މާލެ ސަރަހައްދުގައި ވެކްސިން ޖަހާނީ ހަ ސެންޓަރަކުންނެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހާނެ ވަގުތު:
ސޯޝަލް ސެންޓަރު:ހެނދުނު 10:00 އިން ހަވީރު 16:00
އިސްލާމީ މަރުކަޒު:ހެނދުނު 10:00 އިން ހަވީރު 16:00
ހުޅުމާލޭ ވެކްސިން ސެންޓަރު:ހެނދުނު 10:00 އިން ހަވީރު 16:00
ވިލިމާލެ ޒުވާނުންގެ މަރުކަޒު:ހެނދުނު 10:00 އިން ހަވީރު 14:00
ރައްޔިތުންގެ މަޖިލިސް:ހެނދުނު 10:00 އިން ހަވީރު 16:00
ޓްރީޓޮޕް ހޮސްޕިޓަލް:ހެނދުނު 10:00 އިން ހަވީރު 16:00
ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިޔުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށް އަދި އަމިއްލަ ފެންފުޅި އެއް ގެންދިޔުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސް އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިނަމަ ވެކްސިން ޖަހަން ނުދިޔުމަށްވެސް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.
ވެކްސިން ޖަހާ މީހާ ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ވެސް ހިއްސާ ކުރަން ޖެހެއެވެ.
ރާއްޖޭގައި މާދަމާ ސައިނޯފާމް ވެކްސިން ޖަހަން ފަށާއިރު ފައިޒާ ވެކްސިނަށްވެސް ރާއްޖެއިން ވަނީ ހުއްދަ ދީފައެވެ. ރާއްޖޭގައި ސައިނޯފާމްގެ 18،000 ޑޯޒް މިވަގުތު އެބަހުއްޓެވެ. އެ ވެކްސިންގެ ދެ ލައްކަ ޑޯޒް ޗައިނާ ސަރުކާރުން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފައެވެ.
ސައިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަކުރާނެއެވެ.
މީގެ ކުރިން އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުުރަތަމަ ޑޯޒް ޖެހުން މިމަހުގެ 15 ގައި މެދުކަނޑާލުމަށްފަހު، ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް ވެކްސިން ޖަހަން ފަށާނީ ވެކްސިންގެ ދެވަނަ ބުރު ޕްލޭންކުރުމަށް ފަހު ފައިނަލް ވުމުން ކަމަށެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 218،645 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.