ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ނައިފަރު ޖުވެނައިލް ދަތުރު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުލަބް ވިޗެންޒާ އާއި ބައްދަލުކޮށް ޖުވެނައިލް މެޗް ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުވެނައިލް ޓީމުގެ އައިސަތު ނާޒިމާ އެވެ.

މެޗްގެ ސެޓްތައް ޖުވެނައިލް ކާމިޔާބު ކޮށްފައިވާ ގޮތަށްބަލާ އިރު، ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-9 އިންނެވެ. އަދި ދެ ވަނަ ސެޓް 25-8 އިން ކާމިޔާބު ކުރި އިރު ފަހު ސެޓް ޖުވެނައިލްއިން ކާމިޔާބު ކުރީ 25-3 އިންނެވެ.

މީގެއިތުރުން މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބު ކުރީ ކުލަބް ޕީކޭ އިންނެވެ. މެޗް ޕީކޭން ކާމިޔާބު ކުރީ އަމިކާ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ޕީކޭގެ އައިމިނަތު އިބުރާހިމް އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން މިހާރު ގޮސްފައިވާ ހިސާބަށް ބަލާ އިރު ފައިނަލާ އެންމެ ގާތަށް ދަތުރު ކޮށްފައިވާ ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބެވެ. އެހެން ނަމަވެސް މުބާރާތުގައި ޕޮލިސް ކުލަބް މިރޭ 8:30 ގައި އަމިކާ ސްޕޯޓްސްއާ ދެކޮޅަށް ކުޅެ، ޕޮލިހުން މެޗް ކާމިޔާބު ކޮށްފިނަމަ، ފައިނަލް ފުރަތަމަ ޖާގަ ޕޮލިހަށް ކަށަވަރު ވާނެ އެވެ.

މުބާރާތުގައި މާދަމާ ރޭ ބައްދަލުކުރާ ދެ ޓީމަކީ ކުލަބް ޕީކޭ އާއި ކުލަބް ވިޗެންޒާ އެވެ. މެޗް ފަށާ ގަޑިއަކީ މާދަމާ ރޭ 8:30 ގައެވެ. އަދި މާދަމާ ރޭގެ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.

ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކުޅޭ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކުރާނެ އެވެ. މިމުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ޕޮލިސް ކުލަބް، އަމިކާ ސްޕޯޓްސް ކުލަބް، ކުލަބް ވިޗެންޒާ، ޖުވެންލައިން ސްޕޯޓްސް ކުލަބު އަދި ކުލަބް ޕީކޭ އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތު ދުވަހުގެ ރޭ 8:30 ގައެވެ.