21 Mar 2021, 16:05
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ ކެމްޕޭނުގައި އެމްޑީޕީގެ ލޯގޯ އާއި ކުލަ ބޭނުންކުރާ މައްސަލައި ބަލައިދިނުމަށް އެމްޑީޕީ އިން އެދިއްޖެ އެވެ.
ޕީޕީއެމްގެ ކެމްޕޭނު ހަރަކާތްތަކުގައި، އެމްޑީޕީގެ ލޯގޯއާއި ކުލަ ޕީޕީއެމްގެ ލޯގޯއާ އެއްކޮށްގެން ބޭނުންކޮށްފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.
އެ މައްސަލައިގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ. އެމްޑީޕީން ބުނީ އެގޮތަށް ވޯޓު ހޯދުމަށް މަސައްކަތްކުރާކުރުމަކީ ޕީޕީއެމް އިން ހިންގާ ޣައިރުގާނޫނީ އަދި ދަށުދަރަޖައިގެ އަމަލެއްކަމަށް ދެކޭ ކަމަށެވެ.
އެމްޑީޕީން ބުނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެކޭ އެއްފަދައިން، ކުރިއަށް މި އޮތް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީ އިން ވާދަކުރާނީ ކޯލިޝަނަކާ ނުލައި، އެ ޕާޓީގެ ނަމުގައި އެކަނި ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ އަކީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ވާދަވެރި ފަރާތްތައް ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ ލޯގޯއާއި ކުލަ ޕީޕީއެމްގެ ލޯގޯއާ އެއްކޮށްގެން ޕީޕީއެމް އިން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް ވަނީ ގޮވާލައިފަ އެވެ. އަދި ގާނޫނާ ހިލާފަށް އެމްޑީޕީގެ ލޯގޯއާއި ކުލަ ޕީޕީއެމް އިން ބޭނުންކުރާ މައްސަލަ ބަލައި، ފިޔަވަޅު އަޅައިދޭން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ގޮވާލައިފަ އެވެ.