05 Feb 2012, 10:50
ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ ލިމިޓެޑް އޯވާ ކުރިކެޓް މުބާރާތުގެ ދެ ވަނަ ޑިވިޒަންގައި އިއްޔެ ކުޅުނު ހަތަރު ވަނަ މެޗް އޮފްއެފްސީ އިން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު މެޗް އޮފްއެފްސީ އިން ކާމިޔާބު ކުރީ ވެސްޓް ސްޕޯޓްސްއާ ބައްދަލުކޮށް 181 ލަނޑުންނެވެ.
އިއްޔެ މެޗުގައި ޓޮސްދިމާވުމުން އޮފްއެފްސީ ކުޅެން އަރައި 40 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 270 ލަނޑެވެ. އަދި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 76 ލަނޑުހެދި އިސްމާއިލް އަނީލް އާއި 30 ލަނޑުހެދި މަހުމޫދު ރިޔާޒެވެ. މިއިނިންގްސްގައި ވެސްޓް ސްޕޯޓްސް އަށް އަހުމަދު އަމީލް ތިން ވިކެޓް ނެގި އިރު، އެ ޓީމްގެ އަލީ ނިހާދާއި ހަމާދު ޒަރީރު ކޮންމެ އުކުން ތެރިއެއް ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ވެސް ސްޕޯޓްސް ކުޅެންއަރާ 30 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 89 ލަނޑުހެދި އެވެ. އަދި އެންމެ ރަނގަޅަށް ކުޅުނީ 14 ލަނޑުހެދި މުހައްމަދު ސަމީނެވެ. މިއިނިންގްސްގައި އޮފްއެފްސީ ޓީމުގެ އިސްމާއިލް އަނިލް ހަތަރު ވިކެޓް ނެގި އިރު، މުހައްމަދު އަލީމް ދެ ވިކެޓް ނެގި އެވެ.
ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ޗެމްޕިއަންކަން ލިބޭ މިމުބާރާތުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހެދުނު 10:30 ގަ އެވެ. މެޗުގައި ބައްދަލުކުރާ ދެޓީމަކީ އޮފްއެފްސީ އާއި މާލޭ ސްޕޯޓްސް އެވެ. މެޗް ކުރިއަށް ދާނީ ކުޅިވަރު އެކުވެނީ އެއްނަންބަރު ދަނޑުގައެވެ.