މި އަހަރުގެ ރަމަޟާން މަހު ގައިދުރުކަމާއެކު ތަރާވީހު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ރަމަޟާން މަހުގައި މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު އަދި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހަދަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ހަމައަކަށް އެޅިފައި ނުވި ނަމަވެސް، މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އެންގީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައިގައި އިލްމުވެރިންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.

މިނިސްޓްރީން ބުނީ، ނަމަދުގެ ޖަމާއަތް ހެދުމުގައި ގައިދުރުކުރަން ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށް ވާނެތީ ކަމަށެވެ.

ހަމައެއާއެކު މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތް ކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާތީ ކަމަށެވެ.

ހާލަތު ރަނގަޅުވާން ފެށުމުން ކުރިއެކޭ އެއްގޮތަށް ޖަމައަތުގައި ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް19ގެ މި ހާލަތުގައި މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުމަކީ މަކްރޫހަ ކަމަކާ ނުލާ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ބުނެފަ އެވެ.