މުމްބާއީ (މާޗް 21): އިންޑިއާގެ މުމްބާއީގައި ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ކޮވިޑް-19 ޓެސްޓު ހެދުން ލާޒިމު ކުރަން ނިންމައިފި އެވެ.

މުމްބާއީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މާދަމާއިން ފެށިގެން އެ ސިޓީގެ ޝޮޕިން ސެންޓަރުތަކާއި ރޭލު ސްޓޭޝަންތައް ފަދަ ގިނަ އަދަދެއްގެ މީހުން އެއްވާ ތަންތަނުގައި ސިއްހީ އޮފިޝަލުން ތިބެ، ޓެސްޓު ހަދަން އަންގާ ބަޔަކު ޓެސްޓު ހެދުން ލާޒިމު ވާނެ އެވެ. އަދި ޓެސްޓު ހަދަން ދެކޮޅު ހެދުމަކީ ކުށެއްގެ ގޮތުގައި ބަލާނެ އެވެ. ނަމަވެސް އޭގެ ސަބަބުން އަޅާނީ ކޮން ފިޔަވަޅެއް ކަމެއް އޮފިޝަލުން ވިދާޅުނުވެ އެވެ.

މުމްބާއީ މުނިސިޕަލް ކޯޕަރޭޝަންގެ ކޮމިޝަނަރު ސުރޭޝް ކަކަނީ ވިދާޅުވި ގޮތުގައި މުމްބާއީގައި ދިރިއުޅޭ އެންމެންވެސް ދެން މީހުން ގިނަ ތަނަކަށް ދާ ނަމަ ތިބެން ޖެހޭނީ ކޮވިޑް ޓެސްޓެއް ހަދަން ތައްޔާރުވެގެންނެވެ. އަދި ޝޮޕިން ސެންޓަރުތަކުގައި ފިޔަވާ އެހެން ތަންތަނުގައި ޓެސްޓު ހަދާނީ ހިލެ އެވެ. ޝޮޕިން ސެންޓަރުތަކުގައި ހަދާ ޓެސްޓުތަކަށް އެމީހަކު އަގު ދައްކަން ޖެހޭނެ އެވެ.

ކަކަނީ ވިދާޅުވި ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުން ކުރާނީ ރެޕިޑް އެންޓިޖެން ޓެސްޓެވެ. އެއީ ވައިރަހުގައި ހުންނަ ޕްރޮޓީންއެއް ދެނެގަނެ، ކުޑަ ވަގުތުކޮޅެއް ތެރޭ ނަތީޖާ ދައްކުވައިދޭ ޓެސްޓެކެވެ. ނަމަވެސް އެބާވަތުގެ ޓެސްޓުން ބައެއް ފަހަރު ސައްހަ ނޫން ނަތީޖާ ލިބި، އެހެން ޓެސްޓުތަކާ އަޅާ ބަލާއިރު އެއަށް އިތުބާރު ކުރެވޭ މިންވަރު ކުޑަ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

މުމްބާއީން އެ ފިޔަވަޅު އަޅަން ނިންމީ އިންޑިއާގައި ކޮވިޑް ކޭސްތައް ހަލުވި ކަމާއެކު އިތުރު ވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެ އެގައުމުން 40،953 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އަދި އެއީ ފާއިތުވި ހަތަރު މަސް ތެރޭ ކޮވިޑް ކޭސްތައް އެންމެ ގިނައިން ރިޕޯޓު ކުރި ދުވަހެވެ.

އިންޑިއާގައި މިހާތަނަށް 11.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 160،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އެގައުމުގައި މިއަހަރު ފެށުނު އިރު ކޮވިޑް ކޭސްތައް މަދުވި ނަމަވެސް އަނެއްކާވެސް ބަލި ފެތުރުން އިތުރުވެފައި ވަނީ އާ ވޭރިއެންޓުތަކުގެ ސަބަބުންނާއި މާސްކު އެޅުން ފަދަ ރައްކާތެރި ފިޔަވަޅުތައް ނާޅާތީ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވި އެވެ.