05 Feb 2012, 10:40
ބްރެޒިލުން ކުރިއަށް ގެންދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްގެ ދަށުން ބިޑަށް ހުޅުވާލާފައިވާ ދެ އެއާޕޯޓެއް ތަރައްގީކުރުމަށް އިންޑިޔާގެ ޖީއެމްއާރުގްރޫޕުން ހުށައެޅި ބިޑްތައް އެކުންފުނިން ކެންސަލްކޮށްފި އެވެ.
ޖީއެމްއާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އިންޑިޔާގެ ދަ އިކޮނޮމިކްޓައިމްސް އިން މިއަދު ބުނީ ބްރެޒިލްގެ އެއާޕޯޓްތަކަށް ހުށައެޅި ބިޑްތައް މިފަހަރު ކެންސަލްކުރިޔަސް އެ ގައުމުގެ ޕްރައިވެޓައިޒޭޝަންގެ ދެވަނަ ބުރުގެ މަޝްރޫއުތަކަށް އަލުން ކުރިމަތިލުމަށް ވަނީ ޕްލޭންކޮށްފަ އެވެ.
އީޓީގައި މަގުތަކާއި އެއާޕޯޓްތައް ތަރައްގީކުރަމުން އަންނަ ޖީއެމްއާރުން ބްރެޒިލްގެ ސައޯޕޯލޯގެ ގުއަރުލޯސް އެއާޕޯޓާއި އެ ރަށުގެ ކައިރީގައިވާ ވިރަކޮޕޯސް އެއާޕޯޓާއި ވެރިރަށް ރިއޯޑި ޖެނީރޯގެ ބްރެޒީލިއާ އެއާޕޯޓް ތަރައްގީ ކުރުމަށް ބިޑް ހުށައަޅާފައިވާ ކަމަށެވެ. އެ މަޝްރޫއުތަކަށް ބިޑް ހުށައެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވެފައިވާ އިރު 10 ކޮންސޯޓިއަމް އަކުން ބިޑް ހުށައަޅާފައިވާ ކަމަށް ވެސް އެނޫހުގައިވެ އެވެ.
"އަހަރެމެން އެގައުމަށް ދިޔައީ ތަންކޮޅެއް ލަހުން ، މިފުރުސަތުތަކަށް އަހަރެމެން ބަލަން ފެށީ މީގެ އެންމެ ހަތަރު މަސް ކުރިން، ފައިނަލް ސްޓޭޖާ ހަމައަށް އައި އިރު އަހަރެމެންނަށް އިހުސާސްވީ އަހަރެމެންނަށް އަދި ފުރިހަމައަށް ތައްޔާރު ނުވެވޭ ކަމަށް،" ޖީއެމްއާރުގެ އެއާޕޯޓްތަރައްގީކުރުމާ ބެހޭ ބައިގެ ޗީފް ފައިނޭންޝަލް އޮފިސަރު ސިދާރަތު ކަޕޫރު ބުނި ކަމަށް ނޫހުގައިވެ އެވެ.
އެނޫސް ބުނީ ބޮމްބޭގެ ހިއްސާގެ ބާޒާރުގައި ޖީއެމްއާރުގެ ހިއްސާގެ އަގު ހުކުރު ދުވަހު 1.16 ޕަސެންޓަށް ދަށަށް ގޮސް، ހިއްސާއެއް ވިއްކާފައި ވަނީ 29.70 ރުޕީސް އަށް ކަމަށެވެ.
ސްޕެއިންއާއި ކްރޮއޭޝިޔާގައި އެއާޕޯޓް ޕްރައިވެޓައިޒް ކުރުމަށް ހުށައެޅި ދެ ބީލަމެއް ވެސް ޖީއެމްއާރުން ކުރިން ކެންސަލްކޮށްފައިވާ އިރު އެ ކުންފުންޏަށް ވަނީ މިދިޔަ އަހަރުގެ ސެކަންޑް ކްއާޓަރުގައި 165 ކްރޯޑް ރުޕީސްގެ ގެއްލުން ވެފަ އެވެ. އެއީ ދިއްލީ އެއާޕޯޓުން ޓެކްސް ނެގޭނެ ގޮތެއް ހަމަނުޖެހިގެންނެވެ.