21 Mar 2021, 11:58
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިއަދު އެގޮތަށް ހުކުމް ކުރީ ލ.ގަން، މުކުރިމަގު، ނޫވިލާގެ / މޫސާ ނަސީމް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމުން އިލްތިމާސް ކުރި މައްސަލައިގަ އެވެ.
ނަސީމްގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅީ، އޮޑިޓް ރިޕޯޓު ހޯދުމަށް އެދި ހުށަހެޅިތާ 21 ދުވަސް ފާއިތުވީއިރުވެސް އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާތީ އެވެ.
އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާފައިވަނީ މޫސާ ނަސީމް ހޯދުމަށް އެދި ހުށަހެޅި މައުލޫމާތު އޭނާއަށް ދޫކުރުމަށް އަންގައި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ ހައިކޯޓުގައި އިލްތިމާސްކޮށްފަ އެވެ. އަދި މައްސަލައިގެ ތެރެއަށް މޫސާ ނަސީމް ވަނީ ވަދެފަ އެވެ.
އެމްޑަބްލިއުއެސްސީ އިން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ، ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ހައިކޯޓުގެ އިހުތިސާސްއާ ގުޅޭ އުސޫލުތަކުގެ ތެރެއިން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި ނުވާތީ، އެ މައްސަލައަކީ ހައިކޯޓުން ބެލިދާނެ މައްސަލައެއްތޯ އާއި ހައިކޯޓަށް ބެލުމުގެ އިހުތިސާސް ގާނޫނުން ލިބިދީފައި ނެތް ކަމެއްގައި ހައިކޯޓަށް އިސްތިއުނާފީ އުސޫލުން ނުވަތަ އެނޫންވެސް ގޮތަކުން އެމައްސަލައެއް ބެލިދާނެތޯ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލާގައި ޝާމިލުވާ ފަރާތްތަކާއި ކޯޓުން ވަނީ ސުވާލުކޮށްފަ އެވެ.
ހައިކޯޓަކީ ދެ ހައިސިއްޔަތުން ޝަރީއަތް ހިންގާ ކޯޓެކެވެ. ފުރަތަމަ ހައިސިއްޔަތަކީ ހައިކޯޓަކީ އިސްތިއުނާފީ ކޯޓަކަށް ވުމެވެ. ދެވަނަ ހައިސިއްޔަތަކީ ހައިކޯޓަކީ ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ގޮތުގައި އެމައްސަލައެއް އަސްލުން ފަށައިގެން ބަލާ ކޯޓަކަށް ވުމެވެ. ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓުން އެމައްސަލައެއް ބެލޭނީ ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ ހައިކޯޓު ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކުގަ އެވެ.
ހައިކޯޓަށް ލިބިގެންވާ އިސްތިއުނާފީ އިހުތިސާސް ބިނާވެފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުތައް އިސްތިއުނާފުން ބެލުމުގެ މައްޗަށެވެ. ހައިކޯޓުގެ އިސްތިއުނާފީ އިހުތިސާސްގެ ދަށުން ބެލޭނީ ދަށު ކޯޓަކުން ނުވަތަ ގާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ނިންމުމެއް ނުވަތަ ނެރެފައިވާ އަމުރެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖޭ ފަރާތަކުން، އެމައްސަލައެއް ނިންމާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުވަތަ އެނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި، ގާނޫނާ އެއްގޮތަށް އަމަލުކުރިކަން ސާބިތުކޮށްދޭންވާނީ އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހައިކޯޓަށް ލިބިދޭ އިހްތިސާސް އެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
އެ ގާނޫނުން ލިބިދީފައިވާ އިލްތިމާސް ކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއް ކަމަށާއި އެހެންކަމުން ދެން
ކޯޓުން ރުޖޫއަވާން ޖެހެނީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ކަމަށެވެ.
ހައިކޯޓުން ބުނީ ކޯޓުތަކުގެ ގާނޫން ހައިކޯޓަށް އިސްތިއުނާފީ އިހްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށާއި އެހެންކަމުން މި މައްސަލައިގައި އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުން ތޯ ބަލަންޖެހޭ ކަމަށެވެ.
"ޝައްކެއްނެތް ގޮތުގައި އިސްތިއުނާފު ކުރެވިފައިވާ ނިންމުމަކީ ދަށު ކޯޓަކުން ނިންމި ނިންމުމެއް ނޫނެވެ. އެހެންކަމުން އެކަން އިތުރަށް ބަލައި ގޮތެއް ނިންމާނެ ތަނެއް ނެތެވެ. ދެން ބަލަންޖެހެނީ އެ ނިންމުން ނިންމީ ޓްރައިބިއުނަލަކުން ތޯއެވެ." ހުކުމުގައިވެ އެވެ.
ގާނޫނުގައި "ޓްރައިބިއުނަލް" ކަމުގައި ބަޔާންކުރަނީ ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ހިލާފު އުފެދިފައިވާ ހާލަތްތަކުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިދީފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
ހައިކޯޓުން ބުނެފައި ވަނީ، މައުލޫމާތު ހޯދާލިބިގަތުމުގެ ގާނޫނުގައި ބުނަނީ "އިންފޮމޭޝަން ކޮމިޝަނަރުގެ" ނިންމުމެއްގެ ވާހަކަ ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރަކީ
"ޓްރައިބިއުނަލްއެއް" ނޫން ކަމަށެވެ. ނަމަވެސް އެނިންމުމަކީ "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އިން ނިންމާފައިވާ ނިންމުމެއްކަމަށް ގާނޫނުގެ ނައްޞުގައި އޮތްނަމަ، އެއޮފީހަކީ މުއައްސަސާއެއްކަމުގައި ބަލައިގެން ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްގެ ގޮތުގައި އިސްތިއުނާފީ އިހްތިސާސްގެ ތެރެއިން ހައިކޯޓަށް އެ ނިންމުން ބެލުމުގެ ގާނޫނީ ބާރު އޮތްކަމަށް ބެލެވިދާނެ ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެ އިލްތިމާސެއް ހައިކޯޓަށް ބެލުމުގެ ގާނޫނީ ބާރު ލިބިނުދީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ އެނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން އެމައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ އޮތް އޮތުމުގެ ހަގީގީ މާނައެއް ނެތް ކަމަށެވެ.
ހައިކޯޓުން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ އިލްތިމާސް ކުރުމުގެ ފުރުސަތު ހޯދައިދިނުން ނޫން ކަމަށާއ އެ ގާނޫނުގެ މަގްސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދިނުން ކަމަށެވެ.
އެހެންކަމުން، ބަހެއް ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކިމާނައެއް ދޭހަވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
"ވީމާ، ގާނޫނުގައި ސާފުކޮށް ފެންނަން އޮތް ނައްޞުގައި އޮޅުމެއް ނުވަތަ ދެމާނައެއް ކުރެވެންނެތީސް، ކަންތައްތަކެއް އިފްތިރާޟް (presume) ކޮށްގެން، "އިންފޮމޭޝަން ކޮމިޝަނަރު" އެއީ މުއައްސަސާއެއް ކަމަށް ބަލައި، އަދި އެމާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފީ އިހްތިސާސްވެސް ދީފައި އޮތްކަމަށް ދެކިގެން ގާނޫނު ކިޔަން ވެއްޖެނަމަ، ފަނޑިޔާރުގެ ދައުރު ގާނޫނުއަސާސީ އާއި ގާނޫނުން ބޭރުވެގެން ދެއެ އެވެ." ހުކުމްގައިވެ އެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ އެ ކޯޓަށް ބެލުމުގެ އިހްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މިބާވަތުގެ މައްސަލައެއް ރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
އެހެންކަމުން އެމްޑަބްލިއުއެސްސީ އިން ހައިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލަ އަކީ އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ގާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައަކަށް ވާތީ އެ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މައްސަލަ ބެއްލވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
އެ ނިންމުމާއެކު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ، "މަހޯލި" މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ކަން، މިއަދުގެ ހުކުމުން އެނގިގެން ގޮސްފައިވާ ކަމަށެވެ.