ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުމުގެ މުއްދަތު ހަތަރު ދުވަހަށް އިތުރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު އަށަކުން ފެށިގެން ހުއްޓާލަން އެންގި އެންގުން މި މަހުގެ 24އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 10:30އިން ފެށިގެން ހުއްޓާލަން އެންގި އެންގުން ވެސް އެ ތާރީހާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު އެގާރައިން ފަތިހު 4:30އާ ހަމައަށް ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީ، ހަފްލާ އަދި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުމާއި ޕާކުތައް ބަންދު ކުރުމާއި ކޮލެޖު، ޔުނިވާސިޓީގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައި، ނާސަރީ އަދި ޕްރީސްކޫލްތައް ބަންދުކުރުން ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް 22،373 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ބަލީގައި 65 މީހުން ވަނީ މަރުވެފަ އެވެ.