ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ބިއްލޫރިގަނޑު ރޭ ތަޅައިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ވެސް އޮފިޝަލް ނުދެއްވަ އެވެ.

ތިމަރަފުށީ ކޯޓުގެ މެޖިސްޓްރޭޓް ހުސެއިން ޒަހީން މިއަދު ވިދާޅުވީ ކޯޓަށް ގެއްލުން ދިނުމަށް ރޭ ބަޔަކު އެއްލި ގާބުރި ކޯޓު ތެރޭގައި އޮތް ކަމަށާއި ތަޅާލާފައިވަނީ އެންމެ ބިއްލޫރިގަނޑެއް ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑާ ސުވާލުކުރަމުން އަންނަ ކަމަށް ވެސް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

"ކޯޓްގެ ބިއްލޫރިގަނޑެއް ވަނީ ތަޅާލާފައި. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ދަންނަވަން އެނގޭނީ އެކަންތައް އިތުރަށް ބެލުމަށްފަހު،" ޒަހީން ވިދާޅުވި އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ ކޯޓު ސެކިއުރިޓީ ބަލަހައްޓާ ގާޑު ރޭ ޑިއުޓީއަށް ދިއުމުގެ ކުރިންނެވެ.

ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ވޭތުވެދިޔަ ހަފުތާއްހާ ދުވަހުގެ ތެރޭގައި މާލޭގައި ކޮންމެރައަކު ވެސް ފިހާރތަކަށާއި ގޭގެއަށާއި މީހުންގެ މުދަލަށް ގެއްލުންދީފައި ވެއެވެ.